ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދުގައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމާއި، މަސްބާނަން ގޮސްލެވޭނެ ހާއްސަ ސަރަހައްދެއް ގާއިމުކުރުމުގެ ގޮތުން އެޗްޑީސީން އިން އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާ އަދި މި އީއައިއޭ ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ސާވޭއެއް މިހާރު ފަށާފައިވާކަމަށެވެ.

މި ސާވޭގެ މައިގަނޑު ބޭނުމަކީ އާންމުންނާއި މުނިފޫހިފިލުވުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިހާރު އެ ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތާ އެ ސަރަހައްދުގެ މިހާރުގެ ހާލަތު ދެނެގަތުންކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އަދި ހުށަހަޅާފައިވާ އާޓިފިޝަލް މޫދަށްއެރޭ ސަރަހައްދާއި މަސްބާނާ ޕްލެޓްފޯމާ މެދު ރައްޔިތުން ދެކޭގޮތް ދެނެގަތުން ވެސް މި ސާވޭގެ ތެރޭގައި ހިމެނޭކަން ފާހަގަކޮށް އެޗްޑީސީން ބުނީ މި ސާވޭއިން ލިބޭ މައުލޫމާތަކީ އީއައިއޭ ރިޕޯޓްގެ ހުށަހެޅުންތައް އެކުލަވާލުމަށާއި މުޖުތަމައުގެ ބޭނުންތަކަށް ރިއާޔަތްކޮށް މަޝްރޫއު ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭނެ ބޮޑު އެހީއެއްކަމަށެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަހައްދު ތަރައްގީކުރުމަށް ހުށަހަޅާފައިވާ ޕްލޭން އެކުލެވިގެންވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށްކަމަށެވެ. އެއީ އާޓިފިޝަލް ސްވިމިން ސަރަހައްދަކާއި، މަސްބާނާ ޕްލެޓްފޯމެއް ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން މަސްބާނާ ޕްލެޓްފޯމްތަރައްގީކުރާއިރު ކޮންކްރީޓް ޑެކަކާއި، އެ ތަނަށް ދިއުމަށް ހާއްސަކުރެވޭ ވޯކްވޭއެއްގެ އިތުރުން އަރާމުކޮށްލަން އިށީނދެވޭނެ ހިޔާކޮށްފައިވާ ބެންޗުތަކާއި މަސްކަނޑަން ބޭނުންކުރެވޭނެ ހާއްސަ ސަރަހައްދެއް އެކުލެވޭކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއު ފުރިހަމަވެގެން ދިޔުމަކީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ރައްކާތެރިކަމާއެކު މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެއްކަން ފާހަގަކޮށް އެޗްޑީސީން ބުނީ ހުލުމާލެއަކީ އަމާން ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެ ކޯޕަރޭޝަނުން ކުރާނެކަމަށެވެ.