ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ މޭޔަރަކަށް ހުންނެވި އިރު އެތާނގައި އުޅުއްވި ޝަމާހު, މިފްކޯގެ ސީއޯއަކަށް އައްޔަން ކުރި ފަހުން ގިނަ މައްސަލަތަކެއް ފާހަގަވެ ޕީސީބީން އިންޒާރު ދީފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސީއީއޯ އަހުމަދު ޝަމާހު ރަޝީދަށް އެޑްރެސް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ, މިފްކޯއާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަވެފައި ވާ ކަމަށާއި ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައި ވާކަން ފާހަގަ ވެފައި ވާތީ އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް އަންގާ ކަމަށެވެ.
ޕީސީބީން ޖުމްލަ 12 މައްސަލައެއް ފާހަގަ ކޮށްފައި ވެއެވެ. އެއީ;
- ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ފާޅުކަންބޮޑު ގޮތެއްގައި ބޭނުން ކުރުން.
- ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި ޑިޕާޓްމަންޓްތައް ބަދަލު ކުރުމުގެ އިތުރުން ކުންފުނީގެ ސައިޓްތައް ހުންނަ އެހެން ރަށްރަށަށް ބަދަލު ކުރުން.
- މުވައްޒަފުން ނެގުމާ ގުޅޭ ގޮތުން ކުންފުނީގައި އޮންނަ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް, ބަޖެޓް ހަމަޖެހިފައި ނުވާއިރުވެސް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކާއި ރައްޓެހިންނަށް ވަޒީފާ ދިނުން.
- ހެޑް ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވައިދާ ހިލާފަށް އެއްވެސް ޝަރުތަކަށް ބެލުމެއް ނެތި އާންމުކޮށް އިއުލާން ކުރުމެއް ވެސް ނެތި މުވައްޒަފުން ނެގުމާއި އިޖުރާއަތު ތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުން.
- ޕީސީބީގެ ހުއްދަ ނުހޯދާ ކުންފުނީގައި މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން ނެގުން.
- އުސޫލުތަކާ ހިލާފަށް ޑިޕާޓްމަންޓްތަކުގެ ވެރިންގެ ގޮތުގައި، އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް ފަރާތްތައް ހަމަޖެއްސުން.
- ސީއީއޯ ދަތުރުތަކުގައި ވަޑައިގަންނަވާ އިރު އުސޫލުތަކާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާ ކުންފުނި ހިންގަން ހަވާލުކުރުމާއި އަދި އެފަދަ ދަތުރުތަކުގައި ބޭކާރު ކަމާ ނުގުޅޭ މުވައްޒަފުން ބައިވެރިކޮށް ހަރަދު ކުޑަކުރަން އިސްކަން ނުދިނުން.
- ކުންފުނީގެ އޮޓް ބިޑް ކޮމިޓީ ބަދަލުކޮށް, ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ގާތް މީހުން އެ ކޮމިޓީއަށް ލުން.
- ކުންފުނީގެ މުވައްޒަފުން ނޫން ފަރާތްތަކަށް, ކުންފުނީގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާލައިފައި ބޭއްވުމާއި އަދި ކުންފުނީގެ ވަސީލަތަކަށް އެކްސެސް ވެވުން.
- ރަސްމީ ބޭނުމެއްގައި ނޫން ގޮތަށް ސީއީއޯގެ އާއިލީ ފަރާތްތައް އޮފީހަށް ގެނައުން.
- ކުންފުނީގެ މާލީ ހާލަތު ހުރި ގޮތަށް ނުބަލައި ސީއީއޯ ރާއްޖެއިން ބޭރު ދަތުރުރައް ކުރެއްވުމާއި އަދި ދަތުރުކުރައްވާ އިރު ބިޒްނަސް ކްލާސް ބޭނުން ކުރެއްވުން.
- ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެ ކަމުގެ ބިރުދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަން ކަމާއެކު ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުއްވުން.
މި މައްސަލައްތައް ފާހަގަ ކޮށް ޕީސީބީގެ ފަރާތުން ރައީސް ހަމްދީ އަގީލް ސޮއިކުރައްވައި ސީއީއޯއަށް އިންޒާރުގެ ސިޓީއެއް ފޮނުވާފައި ވާ އިރު ޝަމާހުގެ ބަހެއް މިކަމުގައި ލިބިފައެއް ނުވެއެވެ.
"ދަ ޕޮރެސް" އިން ކޮމެންޓް ހޯދުމަށް ޝަމާހު އަށް ގުޅުމުން އޭނާ ވަނީ ފޯނު ކަނޑުއްވާލައްވާފައެވެ.
މިފްކޯ އަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާ ގުޅިފައި އޮތް ސަރުކާރުގެ ކުންފުނި ކަމަށް ވާއިރު, މަސް ކިރުމަށް ފަހު މަސްވެރިންނަށް ފައިސާ ނުދެވި އޮތް މައްސަލައިގައި މަސްވެރިން ވަނީ ސަރުކާރާއި މިފްކޯއާ ދެކޮޅަށް ދިގު އިހުތިޖާޖުތަކެއް ވެސް ކޮށްފައެވެ. މި މައްސަލަތައް ފެންމަތިވި މި ދަނޑިވަޅަކީ އެ އިހުތިޖާޖު ތަކާ ގުޅިގެން ސަރުކާރުގެ ފަރާތުން މަސްވެރިންނަށް ފައިސާ ދޫކުރަމުން ގެންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ. އަދި މަސްވެރިންނަށް ނުދެވި 147 މިލިއަން ރުފިޔާއެއް އޮތް އިރު ރޯދައިގެ ކުރިން އެ ފައިސާ ދޫކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިފްކޯ ރީ ސްޓްރަކްޗާ ކުރަން ޖެހޭ ކަމަށާއި އެ މަސައްކަތް ކޮށް ނިމޭ އިރު މިފްކޯ ހިފެނޭ މަސްވެރިކަމުގެ ސިނާއަތަކީ ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރާނެ ދާއިރާއަކަށް ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ޕީޕީއެމް ޕީއެމްސީ ވެރިކަމެއް މި ގާއިމް ކުރެވުނީ، އެމްޑީޕީ ވެރިކަމުގަ މިފްކޯއިން ކަނޑާލި މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތާއި ދުޢާ އާއިއެކު. އެއީ ރައީސް މުއިއްޒުގެ ވެރިކަމެއްގައި އެމީހުންނަށްވެސް އިންސާފު ލިބޭނޭ ކަމުގެ އުންމީދުގަ. އެހެންނަމަވެސް މިފްކޯ ސީއީއޯ އެ މީހުންގެ އާދޭސްތަށް ބޮލާލައި ޖެހުމަށްފަހު މި ހިންގަނީ މާބޮޑު ޖަރީމާ ގަނޑެއް ދެއްތޮ؟ ހެޔޮ ވާނެތޯ؟