ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވިނަމަ، މެންބަރެއްގެ "ދަތްދޮޅި ދުއްވައިނުލާ" ހުރެވިދާނެތޯ ސުވާލު އުފައްދަވައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ދެއްކެވި ވާހަކައިގެ މައްސަލަ، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަށް ވީ އެންމެ އަވަހަށް ހުށަހަޅުއްވާނެ ކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރަށްރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ މ. ދިއްގަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި ޝަރީފް ވިދާޅުވީ، ރައީސްގެ ޒިންމާ އަދާކުރެއްވުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ވެރިކަމުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ އެއް ބާރު - މަޖިލިސް ކަމަށެވެ.

"އެކަމަކު އަޅުގަނޑު ހަމަ ހިތަށް އަރާ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު އެތަނުގައި މިއަދު ވެސް ހުންނަ ނަމަ އެއިން މީހެއްގެ "ދަތްދޮޅި ދުއްވާނުލާ" ހުރެވޭނެ ބާއޭ،"

މިހެން ވިދާޅުވާން ބޭނުންފުޅު ނުވި ނަމަވެސް، މިހެން ވިދާޅުވާން ޖެހުނު ސަބަބެއް ކަމަށް އޭނާ އިޝާރާތްކުރެއްވީ ރައީސް އައްޔަނުކުރެއްވި ބައެއް ވަޒީރުންނަށް ރުހުން ނުދިން މައްސަލައާއި މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ރަސްމާލެ ހިއްކުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުން އުނިކުރި ކުރުމަށެވެ.

'ދަ ޕްރެސް' އިން މިކަމާ ގުޅިގެން ސުވާލުކުރުމުން އަސްލަމް ވިދާޅުވީ، ޝަރީފްގެ ވާހަކައާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، އެ ވާހަކައަކީ މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިގެން ދާ ފަދަ، އަދި އަނިޔާވެރިވުމަށް އާންމުކޮށް ގޮވާލެވޭ، އަދި އެކަމަށް ހިތްވަރު ދެވޭ ފަދަ ވާހަަކައެއް ކަމަށެވެ.

މިފަދަ ވާހަކައެއް އެއްގޮތަކަށް ވެސް ދެކެވިގެން ނުވާނެ ކަމަށާއި، ސަރުކާރުން ޝަރީފަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް، އޭނާ ވިދާޅުވިއެވެ.

"މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އަށް އަޅުގަނޑު މައްސަލައެއް ހުށަހަޅާނަން، އިމްތިޔާޒް ކޮމިޓީން ނިންމަވާނެ ކުރިއަށް ދާނެ ގޮތެއް،"

އިއްޔެ ދެއްކެވި ވާހަކައާ ގުޅިގެން އަމާޒުވި ފާޑުކިއުންތަކަށް ރައްދުދެއްވައި 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝަރީފް ލިޔުއްވި ގޮތުގައި:

  • "ދަތްދޮޅި" ބޭނުންކުރެއްވީ އަނިޔާވެރިކަމަށް ހިތްވަރުދިނުމުގެ ނިޔަތެއްގައެއް ނޫން
  • އެ ބަސް ބޭނުންކުރެއްވީ އޭނާ އާ ގުޅުވައި ކިޔާ އެއްޗަކަށް ވާތީ މަޖާޒީ ގޮތެއްގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ޝަރީފް ވަނީ މަޖިލީހުގެ މެންބަރެއްގެ ދަތްދޮޅި ދުއްވާލެވިދާނެ ކަމަށް ވިދާޅުވެ، ސިފައިންގެ އެތެރޭގެ ޖަލްސާއެއްގައި ވެސް އޭރު ވާހަކަފުޅު ދައްކަވައިފައެވެ. އެ ވާހަކައާ ގުޅިގެން އޭނާ އަށް އޭރު ވެސް ބޮޑެތި ފާޑުކިއުން އަމާޒުވިއެވެ.