ވ. ކެޔޮދޫގައި މި އަހަރު ތެރޭގައި ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މިފަދައިން ޔަގީންކަން ދެއްވާފައިވަނީ އަތޮޅު ތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ވ. ކެޔޮދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ދަތި، އުނދަގޫވެފައިވާ މުހިއްމު ހުރިހާ ކަމެއް ވެސް ކައުންސިލުން ހިއްސާކުރައްވާފައިވާ ކަމަށާއި ކެމްޕެއިންގައިވެސް ވިދާޅުވި ފަދައިން ކައުންސިލްގެ އެ ކަންތައްތަކުގައި ނަތީޖާ ރައްޔިތުން އެދިލައްވާ ގޮތަށް ނެރެދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެކަމަށްޓަކައި މަސައްކަތްކޮށް ރައްޔިތުން ބޭނުންވެފައިވާ ހުރިހާ ކަމެއްގައި ރައްޔިތުން އެދޭ ގޮތަށް ކޮށްދެއްވާނެ ކަމަށާއި އެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެގޮތުން ބަލާއިރު އެންމެ މުހިއްމީ ބިމުގެ ޖާގަ އިތުރުކުރުން ކަމަށާއި އޭރުގައިވެސް ވިދާޅުވި ފަދައިން އެ މަޝްރޫއު ކުރިއަށްގެންގޮސްދެއްވާނެ ކަމަށެވެ. އަދި އެކަން މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ ކަމަށާއި ބިން ހިއްކުމުގެ މަޝްރޫއަކީ ވައުދުވީ ގޮތަށް މި އަހަރު ކުރިއަށް ގެންގޮސްދެއްވާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ރަށުގައި ކުނީގެ މައްސަލަ ވަރަށް ބޮޑުވެފައިވަނީ ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުނި މެނޭޖްކުރުމަށްޓަކައި ރަނގަޅު މަރުކަޒުތައް ހެދުމަކީ ކުރަން ޖެހިފައިއޮތް ކަމެއް ކަމަށެވެ. އަދި ރައީސް ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ވަރަށް ގިނަ ރަށްތަކުގައި ހިންގޭނެ ގޮތަކަށް ރާވަމުން އަންނަ ބޮޑު މަޝްރޫއު ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމްގެ ފުޅާ އިންޑަސްޓްރީއެއް ގާއިމުވެފައިވާ ރަށްތަކުގައި އުފެދޭ ކުނި ގިނަވާނެ ކަމަށާއި އާބާދީ ބޮޑުވާ ވަރަކަށް ވެސް ކުނި ގިނަވާނެ ކަމަށެވެ. އަދި އެ ފުޅާ ބޮޑު މަޝްރޫއުގެ ތެރެއިން އެ ރަށުގައިވެސް އެ ފަދަ މަޝްރޫއެއް ކުރިއަށް ގެންދަން ސަމާލުކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރަށުގެ ސިއްހީ ދާއިރާ ވަރުގަދަކުރުމަށްޓަކައި ސިއްހީ މަރުކަޒުގެ އިމާރާތާއި އެހެން ކަންކަމުގެ ފެންވަރު ރަނގަޅު ކުރުމާއި ސްކޫލްގެ ޖާގަ ތާށިވެފައިވާތީ 4 ބުރީގެ ސްކޫލް އިމާރާތެއް އަޅައިދެއްވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ބަޖެޓުގައި ހިމެނިފައިވާ ކަަމަށާއި އެ މަސައްކަތްވެސް ކުރިއަށް ގެންގޮސްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުޑަކުދިންގެ ޕާކެއް އެ ރަށެއްގެ ނިސްބަތުން އަޅައިދޭނެ ކަމަށް ވިދާޅުވެފައިވާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށާއި ފުޓްބޯޅަ ދަނޑު ނިންމުމަށްޓަކައި ލައިޓްޖެހުން ފަދަ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އަދި ބަނދަރުގެ ދަތިތަކެއްވެސް އެބަހުރި ކަމަށާއި އެކަމަށްވެސް ކުރިއަށް ދުވަސްތަކުގައި މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި އަހަރުގެ ތެރޭގައި އެކި ހިސާބުގައި އެކި މަޝްރޫއުތައް ކުރިއަށްދާނެ ކަމަށާއި އެކަންތައްތަކަށް އަމަލީ ސިފަ ގެނެސްދެއްވާނެ ކަމަށެވެ.