ހަތް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އެހަނދާނުގައި ޝޯ މިއަހަރު ބާއްވާ ގޮތަށް ޕީއެސްއެމްއިން ނިންމައިފިއެވެ.

މި ޝޯ އެންމެފަހުން ބާއްވާފައިވަނީ 2016 ވަނަ އަހަރުގައެވެ. މިފަހަރުގެ ޝޯ ފަސް އެޕިސޯޑަކަށް ބަހާލައިގެން ގެނެސްދޭން ނިންމާފައިވާއިރު މި ޝޯގައި މިފަހަރު ލައިވް އޯޑިއަންސް އާއެކު ލަވަ ހުށައަޅަން ހަމަޖެހިފައިވާ ލަވަކިޔުންތެރިންނަކީ އައްފާން، އީސާ، ފަސީ، އިނާޔާގެ އިތުރުން މެޒޯ މުހައްމަދެވެ. އަދި ފަންނާނާއެކު އިތުރު ލަވަ ކިޔުންތެރިން ފެނި ފަންނާނުންގެ ސޯލޯ ލަވަތައްވެސް މިފަހަރުގެ ޝޯގައި ފެންނާނެއެވެ. 2004 ވަނަ އަހަރު ދައްކަން ފެށި މި ޝޯ މިއަހަރު ދައްކާނީ ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 11:00 ގަ އެވެ.

މިފަހަރުގެ އެހަނދާނުގައި ޝޯގައި ލަވަކިޔާނީ އެލަވައެއްގެ "އޮރިޖިނަލް" ލަވަކިޔާފައިވާ ފަންނާނުންނެވެ. އެހެންކަމުން މިފަހަރުގެ ޝޯގައި ޒަމާންވީ ރީތި ލަވަތަކެއް އިވިގެންދާނެއެވެ. އެހަނދާނުގައި ޝޯ އަކީ ގިނަ ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަގްބޫލު ޝޯއެކެވެ. އަދި މި ޕްލެޓްފޯމަކީ ގިނަ ލަވަކިޔުންތެރިންނެއް މިއުޒިކް ދާއިރާ އަށް ނެރުނު ޝޯއެއްވެސްމެއެވެ. ޝޯތައް ކުރިއަށްގެންދާނީ ލައިވް އޯޑިއަންސާއެކު، ވަގުތުން ޓީވީން ދައްކާގޮތަށެވެ.