ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތާރީހީ ރެކޯޑުތައް ފުރަތަމަ ފަހަރަށް މަރުކަޒީ ގޮތެއްގައި މާލެފިޔަވައި އެހެން ރަށެއްގައި ގާއިމުކޮށްފިއެވެ. މި އަރުޝީފު ގާއިމުކޮށްފައިވަނީ ފުވައްމުލަކު ސިޓީގައެވެ.
މި އަރުޝީފް ރަސްމީކޮށް ހުޅުމުގެ ރަސްމިއްޔާތު ފައްވަޓަވައިދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢީލް ރަފީގުއެވެ. މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ފުވައްމުލަކު ސިޓީގައި މި އަރުޝީފް ގާއިމުކުރަން ނިންމީ ފުވައްމުލަކަކީ ބިމުގެ ގޮތުން ތަނަވަސް ރަށެއްގެ އިތުރުން ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އަރުޝީފު ގާއިމުކުރުމަށް އެކަށީގެންވާ ޖާގައެއް ލިބޭނެތީވެއެވެ. އަދި ފުވައްމުލައް ސިޓީއަކީ ތައުލީމީ ގިނަ ޒުވާނުންތަކެއް ދިރިއުޅޭ ރަށަކަށްވުމާ އެންމެ އެކަށީގެންވާ ރަނގަޅު މުވައްޒަފުންނާއި ވަސީލަތްތައް އެ ރަށުން ލިބޭނެތީވެއެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނި ގޮތުގައި ކޮންމެ އަހަރަކުވެސް މި އޮފީހަށް އެވަރެޖްކޮށް ދެހާހެއްހާ މައްސަލަ ހުށަހަޅައެވެ. އަދި ކޮންމެ އަހަރަކުވެސް ގިނަ މައްސަލަތަކެއް މި އޮފީހުގެ އަރުޝީފަށް އިތުރުވާކަމަށާއި އެފަދަ ސްޓޯރޭޖެއް ގާއިމުކުރުމަށް މާލެއަކީ އެންމެ އެކަށީގެންވާ ތަނެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.
މީގެއިތުރުން ހަގީގީ މާނައިގައި ލާމަރުކަޒީ އުސޫލުން މަސައްކަތްތައް ރާވާލުމަށްޓަކައި ފުވައްމުލަކުގައި މި ގާއިމު ކުރި އަރުޝީފް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.