މި ސަރުކާރުން އުފައްދާފައިވާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް މިހާތަނަށް 40 މައްސަލަ ހުށަހަޅާފައިވާ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވީ އެޓާނީ ޖެނެރަލްގެ އޮފީހުންކޮށްފައިވާ މަސައްކަތްތައް ހާމަ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޑރ،. މުހައްމަދު މުއިއްޒު އޮފީސް ފޯ ސިވިލް ރައިޓްސް ގާއިމްކޮށްދެއްވާފައި ވަނީ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހުކަން އުޝާމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. އަދި ނޮވެމްބަރު 23 ވަނަ ދުވަހު އެ އޮފީހަށް ޝަކުވާ ހުށަހެޅޭނެ ރަސްމީ ނިޒާމެއް އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލާ، ގައިޑްލައިން އާންމުކޮށްފައިވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އުޝާމް ވިދާޅުވީ މިހާތަނަށް އޮފީސް ފޯ ސިވިލް ރައިޓްސްއަށް ޖުމްލަ 40 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 6 މައްސަލައެއް ބަލާ ޖަވާބު ދީފައިވާނެ ކަމަށެވެ.
އެ 40 މައްސަލައިގެ ތެރެއިން، ގިނަ މައްސަލަތަކަކީ މީގެކުރިން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އިންސާފު ނުލިބިގެން ހުށަހަޅާފައި ހުރި މައްސަލަތައް ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
އިންތިގާލީ އިންސާފު ހޯދާދިނުމަކީ މިދިޔަ ސަރުކާރުން ވަރަށް ބޮޑު ވައުދެއްވެގެން އައި ކަމެއްކަން ފާހަގަ ކުރައްވާ އުޝާމް ވިދާޅުވީ އެކަން ކުރުމަށްޓަކައި 2020 ވަނަ އަހަރު އިންތިގާލީ އިންސާފުގެ ގާނޫނެއް ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކަމަށެވެ. އަދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައި ވަނީ އެ ގާނޫނުގެ ދަށުން ކަމަށެވެ.
އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އޮފީސް އުފައްދާތާ 2 އަހަރުގެ ދުވަހުގެ ތެރޭގައި އޮފީހަށް ހުށަހެޅޭ ހުރިހާ މައްސަލަތައް ބަލައި ނިންމަންޖެހޭނެއެވެ. އޮފީސް އުފައްދާފައި ވަނީ ޑިސެމްބަރު 17، 2020ގައި ކަމަށްވާތީ ގާނޫނު ބުނާ ގޮތުން ޑިސެމްބަރު 17، 2022ގައި އެ އޮފީހަށް ހުށަހެޅުނު ހުރިހާ މައްސަލަތަކެއް ބަލައި ނިންމަން ޖެހޭނެއެވެ ނުވަތަ އެ މުއްދަތުގައި އެކަން ނުނިންމޭނަމަ، މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އޮފީހުގެ މަސައްކަތް ނިންމާނެ ނިޒާމެއް ރައީސް ގާއިމްކުރައްވަންވާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އުޝާމް ވިދާޅުވީ ޑިސެމްބަރު 17، 2022ގައި އެ އޮފީހުގެ މަސައްކަތް ނުނިމުމުން ރައީސް ސޯލިހް އެ އޮފީހުގެ މަސައްކަތްތައް ނޮވެމްބަރު 17، 2023 ގެ ނިޔަލަށް ދަންމަވާލެއްވި ކަމަށެވެ. އެހެން ކަމުން ގާނޫނުގައިވާ ގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެ އޮފީހުގެ މެންޑޭޓް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
އެ އޮފީސް ހިންގި މުއްދަތުގައި އޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ ރިޕޯޓަށް ބަލާއިރު އެ އޮފީހަށް ޖުމްލަ 489 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި އޮފީހުގެ މެންޑޭޓުގައި ހިމެނޭ ކަމަށް ނިންމާ 460 މައްސަލައެއް ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށާއި އެ މައްސަލަތަކުގެ ތެރެއިން 453 މައްސަލަ ބަލާ ނިންމާފަ އޮތް ކަމަށް އެ އޮފީހުންގެ ރިޕޯޓުގައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައްސަލަތަކުގެ ތެރެއިން ހައްގު ގެއްލިފައިވާ މީހުންނަށް ޝަރީއަތް މެދުވެރިކޮށް ހައްގު ހޯދައިދިނުމަށް 30 މައްސަލައެއް އެޓާނީ ޖެނެރަލްގެ އޮފީހަށް ނޮވެމްބަރު 17، 2023ގައި ފޮނުވާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަތަކުގެ ކޭސް ނަމްބަރު ފިޔަވައި އެހެން މައުލޫމާތެއް އޮމްބަޑްސްޕާސަން އޮފީހުން ހިއްސާކޮށްފައި ނުވާ ކަމަށާއި އޮމްބަޑްޕާސަން އޮފީހަށް ހުށަހެޅުނު ހުރިހާ މައްސަލައެއްގެ ލިޔެކިޔުންތައް މިހާރު ހޯދާފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އުޝާމް އިތުރަށް ވިދާޅުވީ އެ ލިޔެކިޔުންތައް ތަރުތީބުކޮށް ފަރުވާތެރިކަމާއެކު ބަލަހައްޓާފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން 30 މައްސަލައިގެ ލިޔެކިޔުންތައް ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެކަށީގެންވާ ގޮތެއްގައި ގާނޫނާއި އެއްގޮތަށް އޮމްބަޑްސްޕާސަން އޮފީހުން މަސައްކަތްކޮށްފައި ނުވާކަން ވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.