ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް ގާނޫނަށް ގެނައި ބަދަލުތަކުގެ އެދެވޭ ނަތީޖާ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެންނަން ފަށާނެ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ފާހަގަކުރެއްވި ގޮތުގައި، މި ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި އާ ގަވާއިދުގެ ދަށުން ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާނެއެވެ. މި އުސޫލަށް ފުރިހަމައަށް އަމަލުކުރަން ފެށުމުން، އަންނަ އޮކްޓޯބަރު މަހުން ފެށިގެން ބޭރު ފައިސާގެ ބާޒާރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
މީގެއިތުރުން، މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ހުއްދައާ ނުލައި ގަވާއިދާ ހިލާފަށް ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރުވެސް ބަންޑާރަ ނައިބު ދެއްވިއެވެ.
އުޝާމް ވަނީ ރާއްޖޭގައި މާލީ މުއާމަލާތްތައް ހިންގުމުގައި ބޭންކިންގ އަދި މަނިޓަރީ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އިހްތިރާމްކޮށް، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް އެންމެހައި ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
