ދިވެހިރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސޯ (އިޓްލޮސް)އިން ކޮށްފައިވާ ހުކުމް (ޗާގޯސް މައްސަލަ) ދިރާސާކޮށް އެކުލަވާލި ރިޕޯޓް ކެބިނެޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތަފްސީލު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ހަފްތާ 14 މަގުޗާޓުގައި ޗާގޯސް މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ހިމަނާފައިވާކަން ފާހަގަކޮށް އުޝާމް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކުރީ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތައް ދިރާސާ ކުރުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ކުރަމުންދާ ކަމަށެވެ.
އެގޮތުން އެ މަސައްކަތް ކުރުމަށްޓަކައި އެޓާނީ ޖެނެރަލް އޮފީހުގެ ތެރެއިން ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ބެލުމުގެ ދަށުން ވިލަރެސް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ އަދި އެ ކޮމިޓީއަށް އެހީވުމުގެ ގޮތުން ބޭރުގެ ތަޖުރިބާކާރުންގެ ޓީމެއް ވެސް ހަރަކާތްތެރިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އުޝާމް ވިދާޅުވީ ބޭރުގެ ތަޖުރިބާކާރުންގެ ބައެއް ރިޕޯޓްތައް މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެ ރިޕޯޓްތަކުގެ މައްޗަށް ބިނާކޮށް ދެން ކުރެވެން އޮތް މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ގޮތްތަކެއް ނިންމުމަށްޓަކައި ކެބިނެޓަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ރިޕޯޓް ކެބިނެޓަށް ހުށަހަޅާ ކެބިނެޓުން ނިންމުމެއް ނިންމުމުން، ދެން އިތުރަށް އަޅާނެ ފިޔަވަޅުތައް އާންމު ކުރައްވާނެ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައެޅުމުގައި އިޓްލޮސްއިން ނިންމާފައި ވަނީ ފުށޫއަރާ ބައި ކަނޑައަޅައި އިކުއިޑިސްޓެންސްގެ ދަށުން ބަހާލުމަށެވެ. އިކުއި ޑިސްޓެންސްގެ ދަށުން ފުށުއަރާ ސަރަހައްދު ބަހާލުމުން މައްސަލަ ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.
އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު ބައިހަމަކޮށް ބަހާލުމުން ރާއްޖެއިން ކުރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުން 5 މޭލު ވަނީ ގެއްލިފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވެފައިވީ ނަމަވެސް އިކުއި ޑިސްޓެންސްކޮށް އެ ސަރަހައްދުން ބަހާލުން އޭރުގެ ސަރުކާރުން ސިފަކޮށްފައި ވަނީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައެވެ.