މުލިއާގެއަށް ކަރޯކޭ ސިސްޓަމެއް ވެއްދި ކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ދޮގު ހަބަރު ފަތުރާކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ބްލޮކްކޮށްފައިވާ "ދިޔަވަރު އޮންލައިން" ގައި ލިޔެފައިވާ ހަބަރެއްގައި ވަނީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކަރޯކޭ ކުޅުއްވުމަށް ދައުލަތުގެ މާލިއްޔަތުން ހަރަދުކޮށްގެން މުލިއާގެއަށް އަގު ބޮޑު ކަރޯކޭ ސެޓެއް ގަތް ކަމަށެވެ. އަދި އެކަމަށް ވިޔަފާރި ވެރިޔާ ޖަނާ ވެސް ހަރަދުކުރި ކަމަށް އެ ނޫހުގައި ވަނީ ލިޔެފައެވެ.

އެ ނޫހުގައި ހިއްސާކޮށްފައިވާ ފޮޓޯއަކީވެސް ބޭރުގެ ވެބްސައިޓަކުން ނަގާފައިވާ ފޮޓޮއެއްކަން ވަނީ އެނގިފައެވެ.

މުލިއާ ގެއަށް ވެއްދި ކަރޯކޭ ސެޓް ކަމަށް ބުނެ ދައުރުވާ ފޮޓޯ--

އެކަމާ ގުޅިގެން މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ހާލީލް ވިދާޅުވީ ރައީސްގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓިކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށާއި މިއީ އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއިން ގޭތެރޭގައި ކުރައްވާ ކަމެއް ނޫން ކަމަށެވެ.

ހަލީލް ވިދާޅުވީ މިފަދަ ދޮގު ވާހަކަތައް ފަތުރަން މަސައްކަތް ކުރާތީ ފެންނަނީ ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ފަހު އެފަދަ ބޮޑެތި ހިޔާނާތްތައް ފޮރުވަން މަސައްކަތް ކުރާ ފަރާތްތަކުން ކަމަށެވެ. އަދި ފޭކްފޮޓޯތައް މީޑިއާއަށް ނެރެ، އެފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރާލުން ކަމަށްވެސް ހަލީލް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ދިޔަވަރު ނޫހުން ވަނީ އެފަދަ ގޮތަކަށް އެތައް ދޮގު ވާހަކަތަކެއް ލިޔެ، ޝާއިއު ކޮށްފައެވެ.