މިއަދު ސުލްހަވެރިކަމާ އެކު ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭ ގޮތަށް ވެރިކަން ކުރަން ފެށުމުން، ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކުރުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމުގައި ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަދި ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. މުލަކުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ ނުސީދާ ބަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވަރަށް ވޮޑަށް ފާޑުވިދާޅުވެ، ރައްދު ދެއްވާފައެވެ.

މިގޮތުން ރައީސް ޔާމީންގެ ނަން ވިދާޅުނުވެ، އެ މަނިކުފާނަށް، 'ފިތުނަ ފަސާދަ އުފެއްދުމަށްޓަކައި ރެޔާއި ދުވާލު ޕޯޑިއަމްތައް ބަހައްޓައިގެން އޯޑިއަންސްގައި ތިބެގެން ސުވާލުކުރާ ބޭފުޅުން'ގެ ގޮތުގައި މުހާތަބުކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ 'އެބޭފުޅުންނަށްވެސް' މި ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ރައްޔިތުން ދިންކަމަށެވެ. އެހެންނަމަވެސް އެ ދުވަހު ފުރުސަތު ލިބި އެކަންކަން ނުކުރައްވާ މިއަދު ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ ގައުމަށް ދެވޭ އަނިޔާއެއް ކަމަށެވެ. "އަޅުގަނޑުމެންގެ ދުލުގައި ހިފައި ދަމަން އެއްގޮތަކަށް ވެސް ހައްދަވާނެ ކަމެއް ނެތް. މިކަހަލަ ޕޯޑިއަމެއްގައި ހުރެ މާ ގިނަ ވާހަކަ ދެއްކޭކަށް ނެތް." އަބްދުއް ރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވަނީ ރާއްޖޭގެ ވެރިކަން ކުރި ވެރިންނާ އެކު ވަރަށް ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަން ފާހަގަކުރައްވާފައެވެ. އަދި 'އެވެރިން' މަސައްކަތް ކުރި ގޮތާ، އަމަލުތައް ބައްޓަން ކުރި ގޮތާ، ރައްޔިތުންގެ ވާހަކަ އަޑު އެއްސެވި މިންވަރާ އެކަންކަމަށް ދެއްވި އިޖާބަތައް ފެނިވަޑައިގެންފައިވާކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ނުސީދާ ބަހުން އިންޒާރުދެއްވަމުން އަބްދުއްރަހީމް ވަނީ 'ދުލުގައި' ހިފައިގެން ދަމާކަމުގައިވާނަމަ ތަންކޮޅެއް ގަދައަށް ވާހަކަދައްކަން ޖެހިދާނެކަމަށާއި ދައްކާނެހާ ވާހަކައެއް ދައްކަން ކަންކަން އެގޭ މީހުން ހަނު ނުތިބޭނެކަމުގައި ވިދާޅުވެފައެވެ. އަދި މި ސަރުކާރާއެކު ސާބިތުވެ ހުންނެވިކަން ހާމަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ދިފާއު ކުރުމުގެ ގޮތުން ދައްކަން ޖެހޭ ވާހަކަތައް ދައްކަވާނެ ކަމަށާ ރައްޔިތުންނަށް ހަގީގަތް ހާމަކުރުމަށް ފަސްނުޖެހޭނެކަމަށެވެ.