އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގައި ކޮޅަށް ހުރި އިމާރާތެއް ނެތޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ.
އދ އާއި އެހެނިގެން އިދާރާތަކާއި ބައިނަލްއަގުވާމީ މީޑިއާ ތަކުން ބުނާގޮތުން ގާޒާގެ 85 ޕަސެންޓް އިޒްރޭލުން ވަނީ ބޮމާއި މިސައިލް ހަމަލާ ދީ ފުނޑުފުނޑު ކޮށްލާފައެވެ. 300،000 އަށް ވުރެ ގިނަ ގެދޮރު އެއްކޮށް ސުންނާފަތި ކޮށްލައިފިއެވެ. ކޮންމެވެސް ވަރެއްގެ ގެއްލުމެއް ނުލިބޭ ހަމަ އެންމެ އިމާރާތެއްވެސް ނެތް އިރު، އިޒްރޭލުން ޝަހީދު ކޮށްލި މީހުންގެ އަދަދުވެސް 30،000 ފަހަނައަޅާ ވަނި ގޮސްފައެވެ.
އުމުރުން ދޮށީ މީހުންނާއި، އަންހެނުންނާއި ކުޑަކުދިން ބަނޑަށް ޖައްސާ މަރަމުން ގެންދާ އިރު، ގާޒާގެ ގިނަ ކުޑަކުދިން ހިތްވަރު ލިބިގަންނަމުން ދަނީ ކީރިތި ޤުރުއާން ކިޔެވުމުންނެވެ. އަތުގައި މޯބަލް ފޯނާއި އައިޕެޑް އަދި ލެޕްޓޮޕްގެ ބަދަލުގައި އެކުދިން ގެންގުޅެނީ ކުދކިކުދި ހަތިމްއެވެ.
އެފަދަ އެއް ކުއްޖަކީ ގާޒާގެ މަރްޔަމް އެވެ. އުމުރުން ގާތްގަނޑަކަށް 6 އެއްކަ އަހަރުގެ މަރިޔަމް ބުނީ، ދުވާލެއްގެ މައްޗަށް 5 ފޮތް ކިޔަވާ ކަމަށާއި އެގޮތަށް ގޮސް ކޮންމެ 6 ދުވަހަކުން ހަތިމް އެއް ކުރެވޭ ކަމަށެވެ.
އޭނާ އިތުރަށް ބުނީ، އަނެއް ކަމަކީ ހަނގުރާމައިގެ ސަބަބުން ކުރެވޭނެ އިތުރު ކަމެއް ނެތުމާއެކު ވަރަށް ގިނަ ހުސްވަގުތު ލިބޭ ކަމަށެވެ. އެގޮތުން ކިޔެވުމާއި ސްކޫލުވެސް ނެތުމުން ލިބިފައި އޮތް ވަގުތުގައި ބޭނުންތެރި ކަމެއް ކުރުމުގެ ގޮތުން ދެން ޤުރުއާން ކިޔަވަނީ ކަމަށެވެ.
އެގޮތުން ގަޑިއެއްހާ އިރު ކިޔަވައި، ގަޑިއެއްހާ އިރު އެ ދަސްކޮށް ގަޑިއެއްހާއިރު އޭގެ މާނައަށް ވިސްނާ ހަދާ ކަމަށް އޭނާ ބުނެފައި ވެއެވެ.
އޭނާގެ އެވާހަކަ އާ ގުޅިގެން ކިޔަވައި ވިސްނަނީ ކޮންކަމަކާތޯ އޭނާއާ މީހަކު ސުވާލު ކުރުމުން ބުނީ، ސުވަރުގެ ތަކާއި ﷲ ގެ ކުޅަދުންވަންތަ ކަމާއި އަހަރެމެނަށް މި ދިމާވެފައި ވާ ދަތިތަކާއި ތަދުމަޑުކަން ފިއްލެވުމުގައި ﷲ އެކަމަށް އިރާދަކުރެއްވުމުން ނިމުނީ ކަމަށް ވިސްނޭ ކަމަށެވެ.
ގާޒާ އަކީ މިއަދު ވީރާނާވެފައި ވާ ސަރަހާއެއް ފަދަ ތަނެކެވެ. ފުނޑުފުނޑުވެ ވެއްޓިފައި ވާ އިމާރާތްތަކާއި، މަރުވެ އެތަން މިތާނގައި ކުނިވަސް ދުވާ ހަށިގަނޑުތަކާއި ކާނެ ބޯނެ އެއްޗެއް ނުލިބި ބަނޑަށް މަރުވަމުންދާ މީހުންނައިގެން ފުރިފައިވާ ގާޒާގައި ހިޔާވަހިކަމެއް ނެތި ހާމަ މަގުތަކުގައި ނިދާ މީހުންނާއި، ނިދިން މަހުރޫމްވެ އުއްމީދު ގެއްލިފައިވާ އެތައް ބަޔަކު އުޅެމުން އަންނަ އިރު މަރްޔަމް އަކީ ރެފިއުޖީ ކޭމްޕެއްގައި އިން އަންހެން ކުއްޖެކެވެ.
އަޅާލާނެ ޔާރެއް އިޔާރެއް ނެތި ނުވަތަ މައިންބަފައިން ވީތަނެއް، ވީގޮތެއް ނޭނގި ތިބި 17،000 ކުޑަކުދިން ގާޒާގައި ތިބި އިރު، އިޒްރޭލުގެ އުދުވާނާ ހުރެ ސަލާމަތްކަން ހޯދަން ގާޒާގެ ދެކުނުން މިސްރާ އިންވެގެން އޮންނަ ރަފާއަށް ވަދެ ތިބި 1.5 މިލިއަން މީހުން އެބަތިއްބެއެވެ. ހަނގުރާމައިގައި ސުންނާފަތިވި ގާޒާގެ އުތުރުގައި ނިނިކުމެވި ނުވަތަ ނިކުމެވޭނެ ގޮތެއް ނެތި ތިބި 300،000 އެއްހާ މީހުން އެބަތިއްބެވެ. މެދުތެރޭގެ ދެއިރް އަލް ބަލާ ކޭމްޕުގައި ވެސް އެއްބަޔަކު އެބަތިއްބެއެވެ. އެތާނގައި ހުންނަ އދ ގެ ރެފިއުޖީ ކޭމްޕަކަށް މިއަދުވެސް އިޒްރޭލުން ބޮން އަޅާފައި ވާ އިރު ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އުތުރުގައި ކާނެ އެއްޗެއް ނެރތި 15 ކުއްޖަކު ވަނީ ބަނޑަށް މަރުވެފައެވެ. ދެކުނުގެ ރަފާ ހިފަން އިޒްރޭލުން ތައްޔާރު ވަމުން ދާ އިރު އެތާނގެ ވަށައިގެން އިޒްރޭލުން ދަނީ ބޮން އަޅަމުންނެވެ.
ވަށާ ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ، ދުނިޔެ އެބަޔާ މެދު އިހުމާލުވެ އިޒްރޭލުން އެމީހުން މަރަން ލައިސަންސް ދީގެން ތިބިތަނެވެ. އެކިއެކި އިމާރާތްތަކާއި އުސް ގާފުނިފުނި ތަކުގެ މަތީގައި އިޒްރޭލު ސިފައިން ގާއިމުވެ ތިބެ، ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖަހާ މަރަމުން ދަނީ، އަސްކަރީ ގޭމްތަކުގައި މީހުން މަރާހެނެވެ. ހިނގާ ބިނގާވައި ކޮންމެ މީހެއްގެ ގަޔަށް ނުވަތަ ހެލިފެލިވެ އުޅޭ ކޮންމެ އެއްޗެއްގެ ގަޔަށް ބަޑިޖަހައެވެ.
1948 ގެ ހޮލޮކާސްޓް ގެ ފަހުން ދުނިޔެ ދެކޭ އެންމެ ބޮޑު ގަތުލުއާންމަކީ ގާޒާގައި އިޒްރޭލުން ހިންގާ ގަތުލުއާންމު ކަމަށް ވާއިރު އެމެރިކާ އަކީ އިޒްރޭލަށް އެންމެ ބޮޑަށް މަދަދުދޭ ގައުމެވެ. ހަތިޔާރާއި މާލީ އެހީ ފޯރުކޮށްދީ އެ ހަތިޔާރުން ގާޒާގެ ރައްޔިތުން މަރާ ހުސްކުރަން ހިތްވަރު ދީގެން ތިބީ އެމީހުންނެވެ. އެމީހުންނާ ބައިވެރިވެ އަރަބި ބޮޑެތި ގައުމުތަކުން ބަހެއް ނުބުނެ ތިބި އިރު، ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ވެސް ސައުދީ އާއި މިސްރު ފަދަ ގައުމުތަކުން ދެކޮޅު ހަދައެވެ.
ސުލްހައިގެ މަގަށް މަގުކޮށާ ވާހަކަ ދައްކާ ގައުމަކީ ގަތަރެވެ. މިސްރު ބައިވެރިވި ނަމަވެސް ގާޒާގެ ރައްޔިތުން މިސްރަށް ފޭބުމަކީ އެގައުމުން އެއްބަސް ވާ ކަމެއް ނޫނެވެ. އިންވެގެން އޮންނަ އުދުރުން އިންވެސް ގެންގުޅެނީ އެ ސިޔާސަތެވެ. އެހެން ކަމުން ގާޒާގެ ރައްޔިތުން ހަނގުރާމަ ކުރަމުން ދަނީ، އެއްލާނެ ގާބުރިއެއް ފިޔަވައި ހަތިޔާރެއް ނެތި މެދުއިރުމަތީގައި އޮތް އެންމެ ވަރުގަދަ އަސްކަރީ ބާރާއެވެ.
މި ހިތްދަތިވަގުތުގައި ޤުރުއާން ކިޔެވުމާއި ދުއާ އިން ހިތްވަރު ހޯދާ މަރިޔަމް ފަދަ އެތައް ކުދިންނެއް ތިބި އިރު އެ ފަދަ ކުދިންގެ އެ އާދަޔާ ހިލާފު ކެތްތެރިކަން ކެމެރާތަކަށް ރެކޯޑް ކުރެވޭ މިންވަރު މަދަސް އެއީ ހިތްވަރު ދޭން ޖެހޭ ކަމެކެވެ.