ގާޒާގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުން ގަދަކަމުން ނެރެ، ބޭރުކޮށްލުމަށް ބާރުއަޅައި އިޒްރޭލުގެ ވަޒީރުންތަކެއް ދެއްކެވި ވާހަކަތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ އަހުލުވެރިން އެމީހުންގެ ޒަމާންވީ ބިމުން ނެރެ އެއްފަރާތްކުރުމަށް ރޭވުންތައް އެކަށައަޅައި، އިޒްރޭލުގެ ވެރިން ވަކާލާތު ކުރައްވަމުން ގެންދަވާ ވާހަކަތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި، އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ހުރުމަތް ކަނޑައިލުން ކަމަށެވެ. އަދި މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން، މެދުއިރުމައްޗަށް ސުލްހައާއި ހަމަޖެހުން ގެނައުމަށްޓަކައި ބައިނަލްއަގްވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކަށް ނުހަނު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ކޮންމެ ނަމެއްގައި އަދި ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ފަސްގަނޑުންނާއި އަނިޔާވެރިކަމާއެކު ވެރިވެގަނެފައިވާ ބިންތަކުން ގަދަބާރުން ނެރެ ބޭރުކޮށްލުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކަށް ރާއްޖެއިން އެއްވެސް ޝަރުތަކާ ނުލައި ދެކޮޅުހަދާ ކަމަށެވެ. ގާޒާއަކީ ފަލަސްތީނުގެ ބިމުގެ ވަކިނުކުރެވޭނެ އަސާސީ ބައެއްކަން ހަނދާންކޮށްދެއްވަމުން، އަމިއްލަ ފަސްގަނޑުގައި ދިރިއުޅުމުގެ ހައްގާއި، އަމިއްލަ އިސްތިގްލާލު ގާއިމުކުރުމުގެ ފުރިހަމަ ހައްގު ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ލިބިގެންވާކަން ސަރުކާރުން ވަނީ އަލުން ތަކުރާރުކުރައްވާފައެވެ.
މީގެއިތުރުން، ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ބޭރުކުރުމަށް ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކަށް އަރައިގަންނަ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް، ހާއްސަކޮށް އދ. ގެ ސަލާމަތީ މަޖިލީހަށް ދިވެހިރާއްޖެއިން ވަނީ ގޮވައިލައްވާފައެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި، އެ ރައްޔިތުންނާ އެކުގައިކަން ފާހަގަކުރައްވައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް އެކުލެވިގެންވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އަބަދުމެ އޮންނާނެކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
