މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލާގައި އުމުރަށް ޖަލަށްލާފައި ތިބި 314 މީހަކު މިދިޔަ ސަރުކާރުގައި ދޫކޮށްލާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިހްސާން މިފަދައިން ވިދާޅުވީ މިއަދު ހޯމް ޓީމުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އިހްސާން ވިދާޅުވީ މިހާރު ރާއްޖޭގެ ބައެއް ރަށްރަށުގައި ހާއްސަކޮށް މާލެ ސަރަހައްދާއި މީހުން ގިނަ ރަށްރަށުގައި ވައްކަމާއި ފޭރުގެ މައްސަލަތައް ގިނަކަން ފާހަގަކުރެވޭ ކަމަށާއި އެ ފަދަ ކަންކަމުގައި ގިނައިން އުޅެނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށެވެ.

އިހްސާން ވިދާޅުވީ މަސްތުވާތަކެތީި ޓްރެފިކް ކުރާ މީހުންނާއި ޑީލް ކުރާ މީހުންގެ މައްސަލަތައް ކުޑަކޮށް ބައްލަވާލެއްވި ކަމަށާއި އެ މީހުންގެ ކުށްތައް ސާބިތުވެ، ޖަލަށްލާ، ދޫކޮށްފައި ހުރި ގޮތްތައްވެސް ބައްލަވާލެއްވި ކަމަށެވެ. އަދި އެގޮތުން ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލާފައި ތިބި މީހުންގެ ތެރެއިން 314 މީހަކަށް މިދިޔަ 5 އަހަރުގެ ތެރޭގައި މާފު ދީފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ އުމުރަށް މީހަކު ޖަލަށް ލެވެނީ ފުލުހުން ކުރާ ވަރަށް ބުރަ މަސައްކަތުން، ޑްރަގް ޓްރެފިކްކުރުމުގެ ތަހުގީގެއް ނިމި ޕްރޮސިކިއުޓް ކުރެވިގެން އެތައް ދުވަހެއްގެ ކޯޓު މަރުހަލާއެއް ނިމި ޝަރީއަތަކުން މީހެއްގެ މައްޗަށް ކުށް ސާބިތުވެގެން ކަމަށެވެ. އަދި އެހާ ފަސޭހައިން އުމުރު ދުވަހަށް ކުރެވޭ ހެކުމް މާފުކުރެވުން އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެގޮތަށް ދޫކުރެވިފައި ތިބި މީހުން ތަކުރާރުކޮށް މައްސަލަތަކުގައި ފެންނަމުންދާ ކަމަށް އިހްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ 314 މަސްތުވާތަކެތީގެ ޓްރެފިކް ކުރާ މީހުން އާންމު މުޖުތަމައުގެ ތެރެއަށް ދޫވެގެން ދިއުމަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން އަންނަ ވަރަށް ބޮޑު އުނދަގުލެއް ކަމަށެވެ.