ރޯދަމަހުގެ ރޭތަކާއި، ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިއުލާން ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރޯދަމަހުގެ ރޭތަކުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ.

އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް މިނިސްޓްރީން ކުރި އިއުލާންގައި ވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން މި ގޮތަށް އަމަލުކުރުމަށް މިނިސްޓްރީން އާންމުކޮށްފައިވާއިރު އެ މިނިސްޓްރީން ވަނީ މުދާ ވިއްކާ ތަންތަން ބަންދުކުރަންޖެހޭ ގަޑިވެސް އިއުލާނުކޮށްފައެވެ.

އެގޮތުން މާޗު 8 ވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.