ބަޔާން ބާތިލު ކުރަން ޖެހޭ ސަބަބު ލޯކަލް ގަވަމެންޓު އޮތޯރިޓީ އިން ބަޔާންކޮށް ނުދެވުންކަމަށާއި އެހެންކަމުން ބަޔާން ބާތިލެއް ނުކުރާނެ ކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުނެފިއެވެ.
މި ބަޔާނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކެދިކުޅުދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި މަޖިލީސް އިންތިހާބުގެ ކެމްޕެއިން ކުރެއްވިކަމަށް ތުހުމަތުކޮށް އެ ރަށު ކައުންސިލުން ނެރުނު ބަޔާނެކެވެ.
ކެދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް، ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާތީ އެ ދަތުރުފުޅުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދި ރައީސް އޮފީހުން އެ ކައުންސިލަށް އެންގެވިކަމަށެވެ. އަދި އެ އެންގުމާ އެއްގޮތަށް އެ ކައުންސިލުން ރައީސް ދަތުރުފުޅާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދީފައި ކަމަށް ބަޔާނުގައިވެއެވެ. އެގޮތުން ރައީސް ރަށަށް ފައިބާވަޑައިގަތުމަށްފަހު ރަށުގެ ރައްޔިތުންނާ މުހާތަބު ކުރުމަށް ބޭއްވި ހަފްލާގެ އެންމެހައި އިންތިޒާމެއް ހަމަޖައްސައި އެ ހަފްލާގައި ކައުންސުލުންވެސް ބައިވެރިވެފައިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި ބަޔާނާ ގުޅިގެންއެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނީ ލޯކަލް ކައުންސިލުތަކަކީ އާންމު ހިދުމަތްތައް ދިނުމާއި އެ ހިދުމަތްތައް ހިންގުމަށް ބޭނުންވާ ބާރުތައް ކަމަށްވާތީ ކައުންސިލުތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ދޭންވާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ސިޔާސަތުތަކާއި ހާއްސަކޮށް ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ނިންމާ ނިންމުންތަކާ ދެކޮޅަށް ކައުންސިލުތަކުން ބަޔާން ނެރުމަކީ ލިބިފައިވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ.
ނަމަވެސް ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުހައްމަދު ރައުފް ވިދާޅުވީ، އެ ކައުންސިލަށް ލިބިފައިވާ ގާނޫނީ ލަފަޔާއެކު ކައުންސިލް މެމްބަރުން ނިންމީ ބަޔާން ބާތިލު ނުކުރުމަށް ކަމަށާއި، އެގޮތަށް ނިންމީ ބަޔާން ބާތިލު ކުރަން ޖެހޭނެފަދަ ގާނޫނީ ސަބަބެއް އެލްޖީއޭއަށް ބުނެދެވިފައި ނުވާތީ ކަމަށެވެ.
އެލްޖޭއޭއިން ވަނީ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ސޮއި ނެތުމާއެކު، އެކަމަށް ޒިންމާވާނެ ފަރާތެއް ނެތުމަކީ ބަޔާނުގެ ސައްހަކަމާ މެދު ސުވާލު އުފެދޭކަމެއް ކަމަށް ބުނެފައެވެ. ނަމަވެސް މިކަމަށް ރައްދު ދެމުން ކެނދިކުޅުދޫ ކައުންސިލުން ބުނީ ދައުލަތުެ އެކިއެކި ވުޒާރާތަކުންވެސް އެއްވެސް ފަރާތެއްގެ ސޮއި ނުހިމެނޭ ގޮތަށް ހަމައެކަނި ސިއްކަ ޖެހުމަށްފަހު ނެރޭ ނޫސްބަޔާންތަކުގެ ސައްހަ ކަމާމެދުވެސް ސުވާލުއުފެއްދޭނެކަމަށެވެ.
އަދި އެލްޖީއޭއިން ލާމަރުކަޒީ ގާނޫނުގެ ބާރު ކެނޑޭ ގޮތަށް އެކި ކަންކަން ކުރަން އެންގުމުން އެފަދަ ކަންކަން ނުކުރުމަށް އެލްޖީއޭއަށް އިލްތިމާސް ކުރާ ކަމަށްވެސް ރައުފް ވަނީ ވިދާޅުވެފައެވެ.