މި އަހަރުގެ ފަހު ކުއާޓާގައި ގެދޮރުވެރިކަމަށް ލުއި ލޯނު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެއްގެ ގޮތުގަ ނ. ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެ ރަށު ކައުންސިލާއި ޑަބްލިޔުޑީސީއިން ހިއްސާކުރެއްވި ކަންތައްތައް ކެމްޕެއިން ދުވަސްވަރު ވެސް މައުލޫމާތު ލިބިފައިވުމުން އޭގެ ބައެއް ކަންކްމާ ގުޅިގެން އޭރުގައި ވައުދުވެވަޑައިގެންނެވި ކަމަށެވެ. އަދި އެ ރަށުގެ ތަރައްގީއަށް ވަރަށް ބައިވަރު ވަރަށް މުހިއްމު ކަންކަން އެބަހުރި ކަމަށާއި އިގްތިސޯދީ ގޮތުން ބަލާނަމަ ވަރަށް އެ ރަށަށް ހާއްސަ ފުރުސަތުތަކެއް އެބަހުރި ކަަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެތަން ހިމާޔަތްވެސް ކުރަން ޖެހޭ ކަމަށާއި އެ މަޝްރޫއު ކުރިއަށްގެންދާނެ ކަމަށެވެ. އަދި މި ސަރުކާރުން އަލަށް ފެށި އެއް ކަންތަކަކީ ވިޒިޓާ އިކޮނޮމީ ޕޮލިސީ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އާންމުކޮށް އޮންނަ ޓޫރިޒަމަށްވުރެ ފުޅާކޮށް ރަށްރަށުގައި މި ހުންނަ މި ކަހަލަ ގުދުރަތީ ރީތިކަން ބަލާލަން އަންނަ ފަރާތްތަކަށް ތިބޭނެ ކަމަށެވެ.
އެހެން ގޮސް ތަފާތު ދާއިރާތަކަށް ޓޫރިޒަމް ފުޅާކުރުމުގެ ސިޔާސަތެއް ކަނޑައެޅިން، އެކަމަށް ހާއްސަ ކައުންސިލެއް އުފައްދާފައިވާ ކަމަށާއި އެގޮތުން އެ ރަށުގެ ރައްޔިތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފައްދައިގެން މި ރަށުގައި އޮތް "އެސެޓްގެ' ބޭނުން ފުރިހަމައަށް ހިފޭ ގޮތަށް އިކޯ ޓޫރިޒަމްގެ ފުރުސަތުތައް އޭގެން ލިބޭ ގޮތަށް އެ ސަރަހައްދު ހިމާޔަތްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޓޫރިޒަމްގެ ފުރުސަތުތައް ހުޅުވާލަދީ، އެކަން ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ދުވަހުން ދުވަހަށް ފަސޭހަވެ، އާމްދަނީ އިތުރުވުމުގެ ފުރުސަތުތަކަށް ލިބިގެންދާނެ ކަމަށެވެ. އަދި އެ ރަށުގެ ލަފާފުރުމުގެ ދަތިތަކަށް ހައްލު ގެނެެސްދީ، އުމްރާނީ ތަރައްގީގެ ކުރިއެރުންތައް ގެނެސްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީއާ ގުޅިފައިވާ އެންމެ މުހިއްމު ކަމަކީ ގެދޮރުވެރިކަން ކަމަށާއި ގެދޮރުވެރިކަމާ ބެހޭ ފަހި ފުރުސަތުތައް ހުޅުވާލުމަށް ބައިވަރު އިގްތިސޯދީ ފުރުސަތުތައް ކުރިއަށް ގެންދަވާ ކަމަށެވެ އަދި ބޭންކިން ނިޒާމުގެ ތެރެއިންވެސް އެފަދަ ފުރުސަތުތައް ކުރިއަށްގެންދަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަން ކަމުގެ ނަތީޖާއަކަށް މި އަހަރުގެ ތެރޭގައި ހަމަ ފެންނި، ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މި ރަށަށްވެސް ހައުސިން ޔުނިޓާއި ލުއި އެކި ކަހަލަ ލޯނުތައް ލިބޭނެ ފުރުސަތުތައް މި އަހަރުގެ ޖުލައި އޮގަަސްޓްގެ ފަހުން ލިބޭނެ ކަމަށާއި އެ ފުރުސަތުތައް މުޅި ރާއްޖެއަށްވެސް ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތީ ރާއްޖޭގެ މިކަހަލަ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރަން ޖެހިފައިވާ ރަށްރަށުގައި ހައުސިން ޔުނިޓް އެޅުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލުއި ލޯނުތައް ލިބެން ފެށުމުން އޭރުން އެ ރަށުގެ މީހުންގެ ގެދޮރުގެ މައްސަލައަށްވެސް ދާއިމީ ހައްލެއް ލިބި، އަމަލީ ސިފަ ޖެހިގެންދާނެ ކަމަށެވެ.