ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ތިން ރަށަކަށް ބޯކޮށް ވާރޭ ވެހި، އެ ރަށްރަށުގައި ފެންބޮޑުވެ، ގެއްލުންތަކެއް ވެއްޖެއެވެ.
އެންޑީއެމްއޭ އާއި ސިފައިން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން، ފެން ބޮޑުވެފައި ވަނީ ނ. ކެނދިކުޅުދު އާއި އެ އަތޮޅުގެ ހެނބަދޫގެ އިތުރުން ޅ. ކުރެންދޫގައެވެ.
އެ ތިން ރަށުގެ ތެރެއިން 'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން ހެނބަދޫގެ ކައުންސިލަރު އަބޫބަކުރު މުހައްމަދު ވިދާޅުވީ، މިއަދު ހެނދުނު 6 ޖަހާއިރު ވާރޭ ވެހެން ފަށައި، ގާތްގަނޑަކަށް 7:30 ހާއިރު މުޅި ރަށުތެރޭ އެއްކޮށް ފެން ބޮޑުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ފެން ބޮޑުވާން މެދުވެރިވީ ދިޔަވަރު ބޮޑު ވަގުތަކާ ދިމާވެ، އެ ރަށުގެ ދެ މަގެއްގައި ގާއިމްކުރި ފެން ހިންދާ ނިޒާމުން މޫދަށް ގުޅާފައިވީ ހޮޅިން ފެން ބޭރު ނުވުމުގެ ސަބަބުން ފެން ނުހިނދަދީގެން ކަމަށާއި، ގޭބިސީތަކަށް ފެން ވަދެގެން ދިޔައީ އެހެންވެ ކަމަށެވެ.
"ގާތްގަނޑަކަށް 80 ޕަސެންޓު ވަރު ގެ އަށް ފެން ވަން،"
މިހާރު ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދަނީ ބާކީ ތިން ގެއެއްގައި ކަމަށް އަބޫބަކުރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް ގޭބިސީތަކުގައި 4-5 އިންޗި އަށް ފެން ބޮޑުވެފައި ވެއެވެ.
މިވަގުތު އުޑުމަތި އޮތީ ބަނަކޮށް ކަމަށާއި، ހާލަތު ކޮންޓްރޯލްކުރެވިފައިވާ ކަމަށް ވެސް އަބޫބަކުރު ވިދާޅުވިއެވެ.
ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައުފް ވިދާޅުވީ، އެ ރަށަށް ފަތިހު ވިއްސާރަކުރި ކަމަށާއި، ވިއްސާރައިގައި ލިބުނު ގެއްލުންތައް ކައުންސިލުން ދެނެގަތުމަށްޓަކައި މަސައްކަތްކުރަމުންދާ ކަމަށެވެ. ރައުފް ވިދާޅުވީ، އެ ރަށުގެ ގާތްގަނޑަކަށް 30 ޕަސެންޓު ގެ ތަކަށް ފެން ވަތް ކަމަށާއި، މީހުން ދިރިއުޅޭ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވި ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ، އެންމެ އުތުރުން ފެށިގެން އދ. އަތޮޅަށް މިއަދު ހެނދުނު 11:15 އާއި މެންދުރުފަހު 3 އާ ދެމެދު ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.