ބ. ހިތާދޫގައި ވަޑައިގެން ވަގުތު މަރުހަބާ ކިޔަން ނިކުމެ ތިބި ޒުވާނުން އެދުނު ފުޓުބޯޅަ ދަނޑާއި ވޮލީކޯޓު ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު ރ އަދި ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތާދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކެމްޕެއިން ތެރޭގައިވެސް ހިތާދޫއަށް ވަޑައިގެންނެވުނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ރަށުގެ ރައްޔިތުން އެދޭ ކަންކަމުގައި ކުލަ ޖައްސައިދީ، އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށް އެ ދުވަހުވެސް ވިދާޅުވި ކަމަށާއި މިއަދުވެސް ހުންނެވީ ހަމަ އެގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ އެ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށް އެންމެ އިސްކަން ދީގެން މަސައްކަތް ކޮށްދެއްވާނެ ކަމަށާއި އެގޮތުން ބަނދަރުގެ ވާހަކަ އޭރުވެސް މިހާރުވެސް ތަކުރާރުކޮށް ފާހަގަކުރެއްވި ކަމަށެވެ. އަދި އެކަން ރައްޔިތުން ބޭނުންވާ ރަނގަޅު ގޮތަކަށް ހައްލުނުވެ އޮތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރު ހިނގަމުންދާ މަޝްރޫއަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރުމުން އެ ބަދަލުތައް ގެނެސްދީ ރައްޔިތުން ބޭނުންވާ ގޮތަށް އެ މަޝްރޫއު ނިންމައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އަބަދު އެކަން ވޭތޯ ތިބޭ ތިބުން ނިމުމަކަށް ގެެނެސްދީ މި ފަހަރު ހިތާދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް ހަގީގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި ބިން ހުސްވެގެން ބިން އިތުރުކުރުމުގެ ވައުދުވެވެވަޑައިގެންފައިވާނެ ކަމަށާއި އެކަމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއު މި އަހަރު ތެރޭގައި ކުރިއަށް ގެންގޮސް މާލަސްތަކެއް ނުވެ ބިން އިތުރުވެގެންދާނެ ކަމަށެވެ. އަދި ސަލާމް ކުރަމުން ވަޑައިގެން ވަގުތު ހުރިހާ ޒުވާނުން ސިއްރު ސިއްރު އެދުނީ ވަރަށް ރަނގަޅަށް ފުޓުބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް އަޅައިދިނުމަށް ކމަށާއި އެއީ ކެމްޕެއިނުގައިވެސް ދެއްކެވި ވާހަކައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ދަނޑުތައް ހެދުމާއި އަންހެނުންނަށް ހޭންޑް ބޯލް ކޯޓެއް ބޭނުންވާ ކަމަށާއި ކުޅިވަރުގެ އެކި ކަހަލަ ވަސީލަތްތައް ގާއިމުކޮށްދިނުމާއި އެ ރަށުގެ ސިއްހީ މަރުކަޒުގެ އިތުރަށް ފުޅާކޮށް، އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ޑޮކްޓަރުންނާއި މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ސްކޫލަށް ސްޓާފް ރޫމާއި އޮފީހާއި މަލްޓިޕާޕަސް ހޯލް އިތުރުކުރަން ޖެހޭ ކަމަށާއި މި އަހަރުގެ ބަޖެޓުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި އަހަރު ފަށާ، ނިންމެން ހުރި ވަރަކުންވެސް ނިންމަމުންވެސް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަންނަ އަހަރުގެ ބަޖެޓަށް ލާން ޖެހޭ މަސައްކަތެއް އޮތް ނަމަ އެކަން ހިމަނައިގެން އެކަން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.