މޯލްޑިވްސް ޔޫތު ހެކަތޯން ފަށައި އެއްވަނައަށް ދާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ އިނާމު ދިނުމަށް މިނިސްޓްރީ އޮފް ޔޫތު އެންޕަވާމަންޓް އިންފޮމޭޝަން އެންޑް އާޓްސް އިން ނިންމައިފިއެވެ.

މި ހެކަތޯން ފަށާފައިވަނީ މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް ހޯމް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާންއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި ހެކަތޯންގައި ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފައެވެ. އަދި މި ޓީމުތަކުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. މި މަސައްކަތަކީ 30 ގަޑީރަށް ދެމިގެންދާ ޕްރޮގްރާމަކަށް ވާއިރު، މި ހެކަތޯންގައި 3 ދާއިރާއަށް ޕިޗް ކުރުމަށް ވަނީ ހުޅުވާލާފައެވެ.

އެއީ މެންޓަލް ހެލްތު، އިނޯވޭޓިވް މާކެޓްޕްލޭސް އަދި ކްރިއޭޓާ އެކޮނޮމީއެވެ. ކޮންމެ ދާއިރާއަކުންވެސް ކުރަން ޖެެހެނީ ހާއްސަ މަސައްކަތެކެވެ. އެގޮތުން:

  • މެންޓަލް ހެލްތު:

ނަފުސާނީ ދުޅަހެޔޮކަމާއި ސިއްހަތަށް އަމާޒުކޮށްގެން ޓެކްނޮލޮޖީ ބޭނުން ކޮށް އިނޮވޭޓިވް ސޮލިއުޝަންތަކެއް އުފެއްދުން

  • އިނޯވޭޓިވް މާކެޓްޕްލޭސް:

ޑިޖިޓަލް ގާބިލުކަން އިތުރުކޮށް، ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދޭ އީ-ކޮމާސް ސްޓްރެޓެޖީތައް އެކުލަވާލުން.

  • ކްރިއޭޓަރ އެކޮނޮމީ:

ކޮންޓެންޓް ކްރިއޭޓަރުންނަސް ޑިޖިޓަލް ޕްލެތްފޯމްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމަށް ދުޅަހެޔޮކަމާއި، ޖިސްމާނީ ދުޅަހެޔޮކަމާއި، ވިސްނުންތެރިކަމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ހައްލުހޯދައިދޭ އިނޮވޭޓިވް އެޕްތަކެއް އުފެއްދުމެވެ.

މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއަށް ވާއިރު، ކޯ ޕާޓްނަރުންގެ ގޮތުގައި މާސްޓާކާޑް، މޯލްޑިލްވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ރާއްޖެއޮންލައިން (އާރް.އޯ.އެލް) ހިމެނެއެވެ.

އަދި މިފަދަ ހެކްތޯންއެއް ފެށުމަކީ ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ހަރަކާތެކެވެ.