ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް 12 ވަނަ ދުވަހު މުޅި ދުނިޔެ އެކުވަނީ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ އުފާވެރި މުނާސަބަތާއެކުގައެވެ. މި ދުވަހަކީ ހަމައެކަނި ކަލަންޑަރުގައި ފާހަގަކޮށްލެވޭ ތާރީހެއް ނޫނެވެ. މިއީ ދުނިޔޭގެ ކުރިއެރުމާއި އިޖުތިމާއީ ބަދަލުތަކުގެ އެންމެ މުހިންމު ހިއްސާދާރުން ކަމުގައިވާ ޒުވާނުންގެ އަޑު އުފުލާ އެމީހުންގެ ގާބިލުކަން ވަޒަންކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
މި އަހަރުގެ ޒުވާނުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ތަފާތު ހާލަތްތަކާއި، އެއް އުންމީދުތަކެއް" މިއެވެ. މި ޝިއާރުން ރަމްޒުކޮށްދެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުން ތަފާތު އިގުތިސާދީ އަދި އިޖުތިމާއީ މާހައުލުތަކެއްގައި ބޮޑުވަމުން އައި ނަމަވެސް އެ މީހުންގެ އަސާސީ ބޭނުންތަކާއި އުންމީދުތައް އެއްގޮތް ކަމެވެ. ކޮންމެ ޒުވާނަކު ވެސް ބޭނުންވަނީ ކަރާމާތްތެރި ދިރިއުޅުމަކާއި ފެންވަރު ރަނގަޅު ތައުލީމަކާއި ވަޒީފާގެ ހަމަހަމަ ފުރުސަތުތަކެވެ.
ދިވެހިރާއްޖެއަށް ބަލާއިރު މި އަހަރުގެ ޒުވާނުންގެ ދުވަސް ބައްދަލުކުރަނީ ވަރަށް ނާޒުކު ދަނޑިވަޅެއްގައެވެ. ގައުމުގެ އާބާދީގެ ބޮޑު ބައެއް ޒުވާނުން ހިއްސާކުރާއިރު އެ މީހުންގެ ކިބައިގައި ގައުމު ކުރިއެރުވުމުގެ ފުރިހަމަ ގާބިލުކަން އެބަހުއްޓެވެ. ނަމަވެސް މިއަދު ދިވެހި ޒުވާނުންނަށް ވަނީ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މި ގޮންޖެހުންތަކުގެ ސަބަބުން ޒުވާނުންގެ ކުރިމަގަށް ވަނީ ހިޔަނިއެޅިފައެވެ. ގައުމުގެ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް ޓަކައި މި މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދުމަކީ ދައުލަތާއި މުޖުތަމައުގެ މައްޗަށް އޮތް ބޮޑު ޒިންމާއެކެވެ.
ޒުވާނުންނަށް ދިމާވާ އެންމެ ބޮޑު އެއް ހުރަހަކީ ވަޒީފާގެ ދަތިކަން
މިހާތަނަށް އާންމުކޮށްފައިވާ ތަފާސްހިސާބުން ލިޞޭ މައުލޫމާތަށް ބަލާއިރު، 2024 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ޒުވާނުންގެ މެދުގައި ވަޒީފާނެތް މީހުންގެ ނިސްބަތް ހުރީ 16.14 އިންސައްތައިގައެވެ. މިއީ ކަންބޮޑުވާންޖެހޭ މިންވަރެކެވެ.
ހާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް މަދުވުމުގެ ސަބަބުން ގިނަ ޒުވާނުންނަށް މަޖުބޫރުވަނީ އާއިލާ ދޫކޮށް މާލެއަށް ހިޖުރަކުރާށެވެ. މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި އެކަށީގެންވާ އާމްދަނީއެއް ނުލިބުމަކީ ޒުވާނުން މާޔޫސްކުރުވާ ކަމެކެވެ.
ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގުތިސާދުގެ މައިނާރު ކަމަށް ވީނަމަވެސް އެ ދާއިރާގެ އިސް މަގާމުތަކުގައި ދިވެހި ޒުވާނުންނަށް ވުރެ ބޮޑަށް ބިދޭސީން ހަރަކާތްތެރިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. މިކަމުގެ ސަބަބުން ގައުމުގެ އިގުތިސާދީ ކުރިއެރުމުގެ ފައިދާ ސީދާ ގޮތެއްގައި ޒުވާނުންނަށް ނުލިބި، ނޭދެވޭ އެހެނިހެން އާދަތަކަށް ޒުވާނުން ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެންދެއެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހެމުންދާ ޒުވާނުން ދުވަހެއް ދުވަހަކަށް އިތުރު
ވަޒީފާގެ ދަތިކަމުގެ އިތުރުން މިއަދު ދިވެހި ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އަދި އެންމެ ހިތާމަވެރި މައްސަލައަކީ މަސްތުވާތަކެތީގެ ވަބާއެވެ. ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން 2026 ވަނަ އަހަރުގެ ކުރީކޮޅު ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި 10،000 އަށް ވުރެ ގިނަ މީހުން މަސްތުވާތަކެތި ބޭނުންކުރެއެވެ. މީގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. މިއީ ބައި މިލިއަނެއްހާ މީހުންގެ އާބާދީއަކާ އަޅައި ބަލާއިރު އިންތިހާއަށް މަތީ އަދަދެކެވެ.
ކުރިން ހަމައެކަނި މާލެ ސަރަހައްދަށް ބޮޑުވެފައި އޮތް މި މައްސަލަ، މިހާރު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފެތުރިފައެވެ. މަސްތުވާތަކެތީގެ ސަބަބުން މުޅި މުޖުތަމައުއަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ. ވައްކަމާއި ފޭރުމާއި، މާރާމާރީ ފަދަ ކުށްތައް އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ މިއީއެވެ. ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ ވިޔަފާރިއާ އޮންނަ ގުޅުމުގެ ސަބަބުން ގިނަ ޒުވާނުންތަކެއް ވަނީ ކުށުގެ ވެއްޓަށް ގެނބިފައެވެ. އާއިލާތައް ރޫޅުމާއި މައިންބަފައިންނަށް ދަރިން ގެއްލުމުގެ ހިތާމަ މިއަދު ވަނީ އާންމު ކަމަކަށް ވެފައެވެ.
އެކުވެރިންގެ ފަރާތުން އަންނަ ޕްރެޝަރާ ދިރިއުޅުމުގެ މާޔޫސްކަމުން ސަލާމަތްވުމަށް ބައެއް ޒުވާނުން މަސްތުވާތަކެތީގެ ތެރެއަށް ވަންނައިރު، އެއީ އަނބުރާ އައުން އުނދަގޫ އަނދިރި މަގެއްކަން ގިނަ ފަހަރަށް އޮންނަނީ ނޭނގިއެވެ. ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި އިންޖެކްޝަން މެދުވެރިކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މެދުގައި އެޗްއައިވީ ފަދަ ނުރައްކާތެރި ބަލިތައް ފެތުރުމުގެ ބިރު ވެސް ރާއްޖޭގައި އެބައޮތެވެ. މިއީ މުޅި ސިއްހީ ނިޒާމަށް ވެސް އޮތް ބޮޑު ބުރައެކެވެ.
ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން މުހިންމު ދައުރެއް އަދާކުރޭ
މަސްތުވާތަކެތީގެ މައްސަލައާ ގުޅިފައިވާ އަނެއް ބޮޑު ކަންބޮޑުވުމަކީ ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމެވެ. ވަޒީފާ ނުލިބުމުގެ ހާސްކަމާއި، މުޖުތަމައުގެ އުންމީދުތަކާ އެއްވަރަށް ކުރިއަށް ނުދެވުމުގެ އިހުސާސާއި، ސޯޝަލް މީޑިއާގެ ސަބަބުން އުފެދޭ ނުތަނަވަސްކަމަކީ ގިނަ ޒުވާނުންތަކެއް ތަހައްމަލުކުރަމުންދާ ކަންކަމެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި ހުރި ދަތިތަކާއި އެކަމާ ގުޅޭގޮތުން މުޖުތަމައުގައި އޮންނަ ނޭދެވޭ ވިސްނުންތަކުގެ ސަބަބުން ގިނަ ޒުވާނުންނަށް އެކަށީގެންވާ އެހީތެރިކަމެއް ނުލިބެއެވެ. ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ނަފުސާނީ ގޮތުން ދިމާވާ މައްސަލަތަކަށް ހައްލެއް ނުލިބުމަކީ އަމިއްލައަށް އެކަމަށް ފަރުވާއެއް ހޯދުމުގެ ނިޔަތުގައި މަސްތުވާތަކެތީގެ ބޭނުންކުރުމަށް ޒުވާނުން މަގުފަހިކުރުވާ ކަމެކެވެ.
ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ބަލިތައް ތަހައްމަލުކުރާ ޒުވާނުންނަށް ބޭނުންވާ ކައުންސެލިން އާއި ތެރަޕީގެ ހިދުމަތްތައް އަތޮޅުތެރޭގައި ލިބެން ނެތުމަކީ ވެސް މި މައްސަލަ އިތުރަށް ގޯސްވާ ސަބަބެކެވެ.
ޒުވާނުން ސަލާމަތްކުރުމަށް ޓަކައި ސަރުކާރުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައި
މި ނުރައްކާތެރި ހާލަތުން ޒުވާނުން ސަލާމަތްކުރުމަށް ޓަކައި ސަރުކާރުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. ސަރުކާރުގެ ސިޔާސަތު ބިނާކޮށްފައިވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމާއި، ފަރުވާ ބޭނުންވާ ފަރާތްތަކަށް ރިހެބިލިޓޭޝަންގެ ފުރުސަތުތައް ފުޅާކުރުމެވެ.
މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 9 ރިހެބިލިޓޭޝަން މަރުކަޒު ހިންގަމުންދެއެވެ. މީގެ އިތުރުން ފަރުވާގެ ނިޒާމު ލާމަރުކަޒުކުރުމުގެ ގޮތުން މ. ވެލިދޫ، ކ.އަތޮޅު ކާށިދޫ، އަދި ލ. ގަމުގައި އާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުން ވިދާޅުވެއެވެ.
މި މަރުކަޒުތައް ގާއިމުކުރުމުގެ ބޭނުމަކީ މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި ޒުވާނުންނަށް އެ މީހުންގެ އަމިއްލަ ރަށާ ކައިރިން ފަރުވާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ހަމައެއާއެކު މަގުމަތީގައި އުޅޭ މަސްތުވާތަކެއްޗަށް އެޑިކްޓުވެފައިވާ މީހުންނަށް ފަރުވާދިނުމަށް ޓަކައި ހުޅުމާލޭގައި ހާއްސަ ރިމާންޑް ސެންޓަރެއް ގާއިމުކޮށް އެތަނުގައި މިހާރު ވެސް 350 މީހަކަށް ދަނީ ފަރުވާ ދެމުން ކަމަށް ވެސް އޮފިޝަލުން ވިދާޅުވެއެވެ.
މަސްތުވާތަކެތީގެ މައްސަލައަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ގޮތުން 2026 ވަނަ އަހަރު ސަރުކާރުން އިއުލާން ކޮށްފައިވާ އެންމެ ބޮޑު އެއް މަޝްރޫއަކީ "އޯޕަން ޕްރިޒަން އައިލެންޑް" ކޮންސެޕްޓަށް ރަށެއް ތަރައްގީ ކުރުމެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ހިންގާ ފުރަތަމަ މަޝްރޫއެވެ. މި ކޮންސެޕްޓުގެ ދަށުން ކުށްވެރިންނަށް އެ ރަށުގައި ދިރިއުޅެމުން މަސައްކަތްކޮށް، ފަރުވާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްގެން ކުރިއަށްގެންދަން އިއުލާން ކޮށްފައިވާ އޯޕަން ޕްރިޒަން އައިލެންޑްގެ އުމްރާނީ މަސައްކަތްތައް ފަށާ، މި އަހަރުގެ ނިޔަލަށް އެތަނަށް ފުރަތަމަ ބެޗުގެ މީހުން ބަދަލުކުރުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.
ދިވެހި ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އިގްތިސާދީ މަސައްކަތްތަކުގައި ބައިވެރިވާ ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން، "ޔޫތު އެންޓްރަޕްރިނިއާޝިޕް ފައިނޭންސިން" ފެސިލިޓީ އެއްވެސް ވަނީ ހުޅުވާފައެވެ. މި ފައިނޭންސިން ފެސިލިޓީގެ ދަށުން، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލާ ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފަރުވާގެ ޕްރޮގްރާމްތަކުގެ ތެރޭގައި އިސްލާމީ ތަރުބިއްޔަތު ހިމެނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ "ރިސާލަތު" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށާފައެވެ. ޒުވާނުން ބާރުވެރިކުރުވުމަށް ޓަކައި ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނުތައް ފުޅާކުރުމާއި، ސިޔާސަތު އެކުލަވާލުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް "ޔޫތު ޕާލަމެންޓް" އެއް އުފެއްދުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މަސްތުވާތަކެތީގެ މައްސަލައަށް އިންގިލާބީ ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަކީ ގައުމީ ފެންވަރުގައި ކުރެވޭ މުހިންމު އިސްނެގުމެކެވެ. "އޯޕަން ޕްރިޒަން އައިލެންޑް" އާއި، "ރިސާލަތު" ޕްރޮގްރާމް އަދި "ޔޫތު ޕާލަމެންޓް" ފަދަ ވަށައިޖެހޭ ސިޔާސަތުތަކުގެ ސަބަބުން ހަމައެކަނި އަދަބު ދިނުމުގެ ބަދަލުގައި ޒުވާނުން އިސްލާހުކޮށް ހުނަރުވެރި ބަޔަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ.
