ދައުލަތުގެ ބަޖެޓު އެކުލަވައިލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް އެ ކުންފުންޏައް 9 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އިސްތިއުފާ ދީފިއެވެ.

މިކަން އޭނާ ހާމަކޮށްފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރައްވާނެ ފަހު ތާރީހަކީ މި މަހުގެ29 ކަމަށް ބުނެ ސަރުވަޝް ވަނީ މިދިޔަ މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި، ސިޓީވެސް ހުށަހަޅުއްވައިފައެވެ.

ޝަރުވަސް ވަނީ ފިނޭންސް މިނިސްޓްރީގައި ހޭދަކުރެއްވި ނުވަ ވަރަކަށް އަހަރުގެ ތެރެއިން ދައުލަތުގެ ބަޖެޓު އެކުލަވައިލުމުގައި 8 އަހަރު ހޭދަކުރައްވާފައިވާކަމަށާއި މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ބަދަލަކަށް އެންމެ ރަނގަޅު ވަގުތު ކަމަށް ފެނިވަޑައިގެންނަވާތީ ކަމަށް ވިދާޅުވެފައެވެ.

ޖުލައި 2015 އިން ފެށިގެން ސަރުވަޝް ވަނީ ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރައްވަން ފައްޓަވާފައެވެ. މީގެއިތުރުން އޭނާ ވަނީ މީރާގެ ޗެއާމަންގެ މަގާމާއި އެމްއެމްއޭގެ ބޯޑުގައިވެސް މަސައްކަތް ކުރައްވައިފައެވެ.

އަދި ސަރުވަޝް ވިދާޅުވީ ދެން އޭނާ މަސައްކަތް ކުރައްވާނީ ޕްރައިވެޓް ސެކްޓާގަ ކަމަށެވެ.