އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެޕްރީލް 21، 2024 ވާ އާދީއްތަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެޕްރީލުގައި އޮންނާނެކަން އިއުލާން ކޮށް އީސީން މިރޭ ކުރި ޓްވީޓުގައި ބުނީ، އެޕްރީލް 21، 2024 ވާ އާދިއްތަ ދުވަހު އިންތިހާބު ބޭއްވުމަށް ފަހު، ވޯޓުގުނަން ފަށާނީ އެދުވަހުގެ ހަވީރު 4:30 ގެ ފަހުން ކަމަށެވެ.

ރަސްމީ ނަތީޖާ އިއުލާން ކުރާނީ އޭޕްރިލް 28، 2024 ގައި ކަމަށާއި ވޯޓުލާ ދުވަހު ވޯޓުލުން އޮންނާނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށް ކަމަށެވެ.

އިކެލްޝަނުން ބުނީ އިންތިހާބު ބާއްވާ ތާރީހަށް ގެނައި ބަދަލާ ގުޅިގެން 560 ޒުވާނުންނަށް އަލަށް ވޯޓުލުމުގެ ހައްގު ލިބޭނެ ކަމަށާއި ރީރަޖިސްޓްރޭޝަން އަށް އިތުރު 3 ދުވަސް ދިނުމަށް ވެސް ކޮމިޝަނުން މިރޭ ނިންމަވާފައި ވާ ކަމަށެވެ.

މަޖިލީސް އިންތިހާބު ކުރިން ބާއްވަން ތާވަލު ކުރީ މާޗް 17، 2024 އަށެވެ. ނަމަވެސް އެއީ ކުރިއަށް މިއޮތް ރަމަޟާން މަސް ކަމަށް ވާތީ، ރޯދަމަހުގެ ތެރޭގައި ވޯޓުލާ މީހުންގެ ނިސްބަތް މަދުވާނެ ކަމަށް ބެލެވުމާއި ރޯދަމަހު އިންތިހާބު ބާއްވަން ސަރުކާރުން ކުރިން ދެކޮޅު ހެދުމާއި އިދިކޮޅު އެމްޑީޕީން ވެސް ދެކޮޅު ހަދަމުން ދިޔުމާއެކު އިންތިހާބު ފަސްކުރަން މަޖިލީހަށް ހުށަހެޅި ގޮތަށް ފަސް ކުރަން ނިންމީއެވެ.

ސަރުކާރުން ކުރިން އެދެމުން ދިޔައީ ރޯދައިގެ ކުރިން [އެންމެ ދުވަހެއް ކުރިން] ނަމަވެސް އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް އެގޮތާ އެމްޑީޕީން ރުހިފައެއް ނުވެއެވެ. އެއާއެކު އިލެކްޝަނުން އިއުލާން ކުރި އިންތިހާބުގެ ތާރީހު ރޯދަ މަހާ ދިމާވި ނަމަވެސް ސަރުކާރުން ދެން ބާރު އަޅަމުން ދިޔައީ އެތާރީހާ އެއްގޮތަށް ކުރިއަށް ދިޔުމަށެވެ. އެކަމާ އެމްޑީޕީން ދެކޮޅު ހަދާ ރޯދައިގެ ފަހަށް އިންތިހާބު ލަސްކުރުމަށް މަޖިލީހުގެ އަޣުލަބިއްޔަތާއެކު ފާސް ކޮށް، ތައްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވިއެވެ. ނަމަވެސް އެ ބަދަލު ތަސްދީގު ކުރެއްވުމަށް ރައީސް އުޒުރުވެރިވެ ވަޑައިގެން ގާނޫނުން ލިބިދޭ 14 ދުވަސް ހަމަވާން 1 ދުވަހަށް ވަންދެން ބިލް ބޭއްވުމަށް ފަހު އަލުން މަޖިލީހަށް ފޮނުވާލިއެވެ.

އެއާއެކު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ނިންމީ، ފުރަތަމަ ފާސް ކުރި ގޮތަށް ބަދަލެއް ނުގެނެސް އަލުން ތަސްދީގު ކުރުމަށް ބިލް ފޮނުވުމަށެވެ. އެއާއެކު ވެސް ސަރުކާރުން ތަސްދީގު ކުރުން ލަސްކޮށް ބުނަމުން ދިޔައީ ރޯދަމަހުގެ ފަހު 10 އަކީ ބަންދު ދުވަސްތައް ކަމަށް ކަނޑައަޅާ އަޅުކަމަށް ހާއްސަ ކޮށްފައި ވާ ދުވަސްތަކަކަށް ވާއިރު އިންތިހާބުގެ ކެމްޕެއިންގައި އަވަދިނެތި އުޅުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ.

އެ ވާހަކަތަކާއެކު ބިލް ތަސްދީގު ކުރުން ލަސްކުރައްވާފައި ވަނިކޮށް ބަންޑާރަނައިބުގެ ލަޔަފާއެކު މިރޭ ރައީސް ބިލް ތަސްދީގު ކުރެއްވުމުން، އިންތިހާބު ރޯދައަށް ފަސްވެގެން ދިޔައީއެވެ.