އިންތިހާބާ ގުޅޭގޮތުން މަޖިލީހުން ނިންމާފައިވާ ނިންމުންތަކާމެދު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް އެމަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފުކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެންނެވެ. އެހެންކަމުން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލީހުން ނިންމާފައިވާ ނިންމުންތަކާ މެދު ގާނޫނީގޮތުން ސުވާލު އުފެދިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

އުޝާމް ވިދާޅުވީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 5 ވަނަ އިސްލާހު ތަސްދީގުކުރުމާ ގުޅޭގޮތުން ގާނޫނީ ލަފަޔަކަށް ރައީސް އެދިވަޑައިގެންފައި ވާކަމަށާއި ރައީސަށް ލަފާ އެރުވުމުގައިވެސް ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާގޮތަށް ކަން ކުރާނެ ކަމަށެވެ.

މީގެއިތުރުން ދައުލަތުގެ ބާރުތަކުގެ މެދުގައި އަބަދު އަރާރުންވުމަކީ ރަގަޅުކަމެއް ނޫންކަން ފާހަގަކޮށް އުޝާމް ވަނީ ގައުމާ ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ ކަމަށް ވިދާޅުވެފައެވެ.

އުޝާމް މިހެން ވިދާޅުވެފައިވާ މި ދަނޑިވަޅަކީ މަޖިލިސް އިންތިހާބު ލަސްކުރުމުގެ ބިލް ރައިސް ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ މެޖޯރިޓީއާއެކު އެ ބިލް އަލުން ފާސްކޮށްފައި ވަނިކޮށެވެ.

ނަމަވެސް ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެއެވެ.