ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާ ގުޅިގެން، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، އެ ނިޒާމުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި ޓެކްނިކަލް ސެމިނާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އާބާދީއަށް އަންނަ ބަދަލުތަކާއި، ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އިތުރުން އިގްތިސާދީ ގޮންޖެހުންތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މި ބަދަލުތަކާއެކު ނިޒާމުތައް ފަރުމާކުރަންޖެހޭނީ ކުރިމަގަށް އަމާޒުކޮށްފައިވާ ހަރުދަނާ ސިޔާސަތުތަކެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއްގެ ކާމިޔާބީ ބިނާވަނީ ހަމައެކަނި މާލީ ތަނަވަސްކަމުގެ މައްޗަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ވަރުގަދަ މުއައްސަސާތަކާއި، ހަރުދަނާ ގާނޫނީ އޮނިގަނޑުތަކެއްގެ އިތުރުން، ރައްޔިތުން ބަލައިގަންނަ ފަދަ ދެފުށް ފެންނަ ހިންގުމުގެ ނިޒާމެއް އޮތުމަކީ ނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

މުއައްސަސާތަކުގެ މާލީ ދެމެހެއްޓެނިވިކަމާއި ގާބިލުކަން އިތުރުކުރުމަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އޮތް މުހިންމު ބަހާއެއްގެ ގޮތުގައި ބަންޑާރަނައިބު ސިފަކުރެއްވިއެވެ. އަދި މިފަދަ ހިންގުންތެރި މުއައްސަސާތަކެއް ގާއިމުވެފައި އޮތުމަކީ ކުރިމަތިވެދާނެ އެކި ނުރައްކާތަކަށް ފައިދާހުރި ގޮތެއްގައި އިޖާބަދެވޭނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަންޑާރަނައިބުގެ ވާހަކަފުޅު ނިންމަވާލެއްވީ، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިންސާފުވެރި، ދެފުށް ފެންނަ، އަދި ޖަވާބުދާރީވާ ނިޒާމެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުންނެވެ. މިފަދަ ނިޒާމެއްގެ ސަބަބުން މުއައްސަސާތަކަށް އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމަ އިތުބާރާއި ނަޒާހަތްތެރިކަމާއެކު އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.