ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުއިއްޒު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ ހަ ދުވަހުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތީ މިއަދުއެވެ. ރައީސްގެ މި ދަތުރުފުޅުގައި ހއ. ހދ އަދި ށ އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ވަނީ ބައްދަލުކުރައްވާފައެވެ. ނ އަތޮޅުގެ ވެސް އެންމެ ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ވަނީ ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅުގައި މި ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ މަޝްރޫތަކެއް ހިންގުމަށް ރައީސް ވަނީ ވައުދުވެފައެވެ. އަދި މިހާރު ބައެއް މަޝްރޫތައް ބައެއް ރަށްރަށުގައި ހުއްޓިފައި ހުރުމުގެ ކަންބޮޑުވުން ކައުންސިލުތަކުން ރައީސްއާއި ވަނީ ހިއްސާ ކުރައްވާފައެވެ. މިކަމަށް އަވަސް ހައްލެއް ފޯރުކޮށްދެއްވާނެ ކަމަށާއި މަޝްރޫތައް ހުއްޓުނީ މަޖިލީހުން އެ މަޝްރޫތަކަށް އެކަށީގެންވާވަރަށް ބަޖެޓު ހިމަނާފައިނުވާތީ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފައްޓަވާފައިވާ މި މަސައްކަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމަށް ކުރައްވާ މަސައްކަތެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި އަމާޒަކީ މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުންކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.