މިދިޔަ އަހަރު ނެރުނު އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ އައިފިލްމްސް ގެ "ނީނާ" މީޑިއާނެޓްގެ ވީޑިއޯ ކުލަބުން ސްޓްރީމްކުރަން ނިންމައިފިއެވެ.

އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން މި ފިލްމު ވީޑިއޯ ކުލަބުން ބެލޭނެއެވެ. އެއާއެކު މި ފިލްމު ބަލަން ބޭނުންވެފައި، ނުބެލި ތިބި މީހުންނަށް މި ފިލްމު ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ފިލްމު ބެލުމަށްފަހު ފިލްމު ދެވަނަ ފަހަރަށް ބެލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. ބެލުންތެރިންގެ މެދުގައި އެންމެ މަގްބޫލުވި އެއް ފިލްމު ނީނާ އަށް ތަރުހީބު ބޮޑުވުމުގެ ސަބަބުން އިތުރު ޝޯތަކެއް އަޅުވައި، ދެވަނަ ފަހަރަށް ވަނީ އޮލިމްޕަހުގައި ނީނާ އަޅުވާފައެވެ.

ބެލުންތެރިންގެ އުންމީދަށް ވާސިލްވި ދިވެހި ފިލްމު "ނީނާ" އަކީ ވަރުގަދަ އަންހެން ފަހުލަވާނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. 2019 ވަނަ އަހަރު އޮލިމްޕަސް ސްކްރީނަށް ގެނެސްދިން "ބަވަތި" ވެސް ޑައިރެކްޓްކޮށް ގެނެސްދިން ޑައިރެކްޓަރު އިލްޔާސް ވަހީދު ޑައިރެކްޓްކުރި މި ފިލްމަކީ ނުޒުހަތު ޝުއައިބު (ނުޒޫ) ލީޑު ރޯލުން ފެނިގެންދާ ފިލްމެވެ. ނުޒޫ އާއެކު މި ފިލްމުގައި ދެން ފެނިގެންދާނެ ލީޑު ތަރިއަކީ ޝަރަފް އަބްދުﷲ އަދި ޖުމައްޔިލް ނިމާލެވެ. މި ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަކީ ކުރީގެ ފިލްމީ ތަރި ވެޓަރަން އެކްޓްރެސް، މަރިޔަމް ރަޝީދާ، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމް އެވެ. އިބުރަތުން ފުރިގެންވާ މި ފިލްމަކީ ޖެހިލުން ކުޑަ އަންހެނެއްގެ ހަޔާތުގައި ދިމާވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ ފިލްމެކެވެ. ނީނާ އަކީ ދިވެހި ސިނަމާއަށް މިދިޔަ އަހަރު ނެރުނު އެންމެ މޮޅު ފިލްމެވެ.