އައިފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް އިން ގުޅިގެން ގެނެސްދޭން ނިންމާފައިވާ ފިލްމު "ދޭދަރު ރުއިން" ގެ ޓީޒާއެއް ބެލުންތެރިންނަށް ދައްކާލައިފިއެވެ.
އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައި ވާ މި ފިލްމަކީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުތް އައްޒާމް ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހަރަކާތްތެރި ވާނީ ޝަރަފު އަބްދުﷲ އާއި މައިހާ އާދަމާއި ހާފިޒް މުހައްމަދުގެ އިތުރުން މޫސާ ރަޝީދެވެ.
ޝައުގުވެރި އަވަސް މަންޒަރުތަކެއް ފެނިގެންދިޔަ ފިލްމުގެ ޓީޒާގައި ފައިޓިން ސީންތަކެއްވެސް ފެނިގެންދިޔައެވެ. ފިލްމުގެ ނަމާއެއްވަރަށް މި ފިލްމަކީ ތަފާތު ފިލްމެއްކަން ޓީޒާއިން ހާމަވެއެވެ.
ފިލްމްސް އާއި ކަޒްމިކް ގުޅިގެން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ. އެ ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު އައިފިލްމްސް އިން ވަނީ މިއަހަރު ފެބްރުއަރީ މަހު ވެސް ފިލްމެއް ގެނެސްދީފައެވެ. އެއީ ބިރުވެރި ޖޯންރާއަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ކަންބަޅި" އެވެ.
މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަނީ ހާމިދު އަލީ ގެ "އުދަބާނީ 2" އެވެ. އެ ފިލްމަށްފަހު އޮލިމްޕަހަށް ދެން އެންމެ އަވަހަށް އަންނާނެ ފިލްމަކީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ބިބީ" އެވެ. އެ ފިލްމަކީ ހޮރޯ ކޮމެޑީއެކެވެ. އެ ފިލްމު މިރޭ އޮލިމްޕަހުގައި ރިލީޒްކުރާނެއެވެ.