މި މަހު 20 ވަނަ ދުވަހު އޮލިމްޕަސް ސްކްރީނުގައި ޕްރިމިއާކުރި ދިވެހި ފިލްމު "ދޭދަރު ރުއިން" އަކީ ފިލްމުގެ ނަމާ އެއްވަރަށް ތަފާތު ފިލްމެކެވެ. މީގެ ކުރިން ރާއްޖޭގައި ދިވެހި ފިލްމަކުން ފެނިފައިނުވާފަދަ ކަންތައްތަކެއް މި ފިލްމުން ވަނީ ފެނިގެން ގޮއްސައެވެ. އައިފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ޕްރޮޑިއުސްކުރި ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ތައާރަފުވި އަލީ އައްޒާމް އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިއުނީ ވެސް އޭނާ އެވެ. "ދޭދަރު"ގެ މާނައަކީ މުރަކައެވެ.

  • ތަރިން

ސުޝްމާ ސުބޭދީ (ރަކްޝިޔާ)، މައިހާ އާދަމް (ނަޝްވާ)، މޫސާ ރަޝީދު (ރާމެލަން)، މޫސާ އަލީފް (އާޒިމް)، އިބްރާހިމް ފައިރޫޒް (ބައްޕަ)، އައިޝަތު ގަލްފާ (މަންމަ)، މުހައްމަދު އީހާން އިނާޔަތު (ކުޑަކުއްޖާ)، ހާޒިފް އަދި ޝަރަފް އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

މިއީ ކުށުގެ ވެށީގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. ފިލްމު ފެށިގެން އަންނަނީ ބެލުންތެރިންގެ ސަމާލުކަން ދަމައިގަންނަ ފަދަ ގޮތަށެވެ. ކުޑަ އަންހެން ކުއްޖެއް ގެއްލިގެން ނުވަތަ ކިޑްނެޕްކޮށްގެން އުޅޭ މަންޒަރަކުން ފިލްމު ފެށިގެން ދިޔައިރު މި މަންޒަރާއެކު ބެލުންތެރިންގެ ޝައުގުވެރިކަން ފިލްމަށް ގޮސް ހުސްވިއެވެ. މި މަންޒަރާ އެކު އެންމެ ފުރަތަމަ ފަށައިގެން ހިސާބުން ވެސް ބެލުންތެރިން ފިލްމަށް ވައްދާލައެވެ. ޅަ އުމުރުން ފެށިގެންވެސް ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ ހުންނަ ޝަރަފް އަކީ އެ ބައްޔަށް ފަރުވާކުރަމުން އަންނަ ޒުވާނެކެވެ. ކުޑައިރުގައި އޭނާއަށް ގޭތެރެއިން ފެންނަ މަންޒަރުތަކުންނާއި ބައްޕަ އޭނާއަށް ކުރާ އަނިޔާތަކުގެ ސަބަބުން ޝަރަފް ވަނީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައެވެ. އެކަންތައްތަކަށް އޭނާއަށް އެހީތެރިވެދެނީ މައިހާއެވެ. އެއީ ފިލްމުގައި ޝަރަފްގެ ތެރަޕިސްޓެވެ. ރޭގަނޑުގެ ވަގުތު ޝަރަފް ހާސްކަމެއްގެ ތެރެއަށް ވައްޓާލައެވެ. ނޭވާ ހާސްވެ ކަންބޮޑުވާން ފަށަނީ ކުރީގެ ކަންތައްތައް ހަނދާންވާ ހިސާބުންނެވެ. ސާފު ވައިކޮޅެއްގައި ޖެހިލުމަށް ޝަރަފް ގެއިން ނުކުންނަނީ އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލާނެ ކަމަށް އުންމީދުވެސް ކޮށްގެން ނޫނެވެ. ވައިޖައްސާލަން ޝަރަފް ހުއްޓޭ ހިސާބަށް ރަކްޝިޔާ އާދެއެވެ. ބަޔަކަށް ފިލަންވެގެންނެވެ. ޝަރަފްގެ އެހީތެރިކަމަށް އެދެއެވެ. ގޭންގުގެ ދެ މީހަކު އައިސް ޝަރަފަށް ހަމަލާ ދެއެވެ. އެ ކަންތައްގަނޑުން ރަކްޝިޔާ ސަލާމަތްކޮށް އޭނާ ގެންދަނީ ޝަރަފްގެ ގެއަށެވެ. އަދި މައިހާގެ އެހީތެރިކަން ހޯދައެވެ.

ގޭންގު މީހުން ޝަރަފް އާއި ރަކްޝިޔާ ހޯދުމަށްފަހު ޝަރަފްމެން ދިރިއުޅޭ ގެއަށް އާދެއެވެ. އަދި ޝަރަފްއާއެކު ޑީލް ހެދުމަށް މަސައްކަތްކުރެއެވެ. ދެން ފިލްމުން ފެނިގެންދަނީ ވަރުގަދަ އެކްޝަން މަންޒަރުތަކެކެވެ. ފިލްމުގެ ގޭންގުގެ ލީޑް ރޯލް ކުޅެނީ ހާޒިފްއެވެ. ފިލްމުގައި އޭނާ އަކީ ކުރަން ޖެހޭ ކަމެއް ފަސްނުޖެހި ކޮށް ނިންމާލާ މީހެކެވެ. ޖެހިލުންކުޑަ ގޮތްގަނޑުގެ ސަބަބުން ބާކީ ތިބޭ މީހުންވެސް ހާޒިފް ދެކެ ބިރުގަނެއެވެ. ތަޅާފޮޅުންތަކާއި ބެލުންތެރިންގެ ހިތުގައި ނުތަނަވަސްކަން އުފައްދަމުން ގޮސް، އެންމެ ބޮޑު ސަޕްރައިޒެއް ލިބިގެންދިޔައީ ފިލްމުގެ ފަހު ސީން އިންނެވެ. އެ ސީނާއެކު ބެލުންތެރިންގެ ހަޅޭކާއި ތަރުހީބުގެ އަތްތިލަބަޑީގެ އަޑު އޮލިމްޕަހުގައި ގުގުމަން ފެށިއެވެ.

ފިލްމުގައި ޝަރަފް އާއި ހާޒިފް ގެ އެކްޓިން ފާހަގަކޮށްލެވޭއިރު ދެމީހުންގެ ސްޓަންޓްތަކާއި އެކްޝަން މަންޒަރުތައް ވަރަށް ކަމުދިޔައެވެ. މައިހާގެ އެކްޓިންވެސް ކަމުދެއެވެ. ނަމަވެސް ފިލްމުން އެންމެ ފާހަގަކޮށްލެވެނީ ޝަރަފް އާއި ހާޒިފްގެ އެކްޓިންނެވެ. ހާއްސަކޮށް ހާޒިފްގެ އެކްޓިން ރަނގަޅެވެ. ފިލްމުގެ މަންޒަރުތައް ވެސް ފުރިހަމައެވެ. ސިނަމޮޓޮގްރަފީ ވަރަށް ހިތްގައިމެވެ. ހުރިހާ ތަރިންގެ އެކްޓިންނެއް ކަމުދިޔައިރު ޗައިލްޑް އާޓިސްޓްތަކުގެ އެކްޓިންވެސް ރަނގަޅެވެ. ފިލްމުގައި ހަމައެކަނި ކަމުނުދާ ތަންކޮޅަކީ ސުޝްމާ އޭނާގެ ރަށު ބަހުން ވާހަކަ ދެއްކިއިރު ސަބްޓައިޓަލްސް އަރާފައި ނެތުމުންނެވެ. ފިލްމުގައި ގިނައިން އިނގިރޭސި ބަސް ބޭނުންކޮށްފައި ހުރިތަން ފާހަގަކޮށްލެވެއެވެ. އެ ކަންތައްތަކާއެކު ވެސް "ދޭދަރު ރުއިން" ވަނީ ބެލުންތެރިންގެ ހިތުގައި ޖާގައެއް ހޯދާފައެވެ.