އަމިއްލަފުޅު ގެކޮޅުގައި ހުންނެވި ދުވަސްތަކުގައި ކެއުމާއި ހުރުމުގެ ކަންކަން ހަމަޖެއްސެވީ އަމިއްލަފުޅަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރައީސްގެ ދެކަނބަލުންގެ ކެއުމަށް 30 މިލިއަން އަދި ރައީސް އަމިއްލަގެކޮޅުގައި ހުރި ދުވަސްތަކުގައި 25 މިލިއަން ރުފިޔާ ހަރަދުވިކަމަށް ދެކެވޭ ވާހަކައަކީ ތެދެއްތޯ، އާންމު ފަރާތަކުން އެމަނިކުފާނަށް އަމާޒު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ކުރިއާ ހިލާފަށް މިހާރު އެއްވެސް ވަރަކަށް ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުންދާކަން ފާހަގަ ވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އަމިއްލަފުޅު ގެކުޅުގައި ހުންނެވި ދުވަސްތަކަށް 25 މިލިއަން ރުފިޔާ ހަރަދު ކުރި ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ވިދާޅުވިއެވެ.
އަމިއްލަފުޅު ގެކޮޅުގައި ހުންނެވީ އަމިއްފުޅަށް ހަރަދުކުރައްވައިގެން ކަމަށާއި ގެކޮޅުގެ ހަރަދުތައް ހަމަޖެއްސުމަށް ދައުލަތުގެ އެންމެ ރުފިޔާއެއް ވެސް ބޭނުންފުޅު ކުރައްވާފައި ނުވާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ގެކޮޅުގެ ސެކިއުރިޓީން ވެސް ތިބޭ ކަމަށާއި އެ ހުރިހާ މީހުންގެ ހުރުމާއި ކެއުމުގެ ހަރަދު ހަމަޖެއްސެވީ އަމިއްލަފުޅަށްކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އެގޮތަށް އެކަން ކުރެއްވީ އަމިއްލަފުޅަށް ބޭނުންވެވަޑައިގެން ކަމަށާއި އެކަން އެގޮތަށް ކުރެއްވީ މިފަދަ ވާހަކައެއް މީހަކު ބުނާނެ ފުރުސަތު ދެއްވަން ބޭނުންފުޅުވެ ވަޑައިނުގަންނަވާތީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 100 ދުވަހުގެ ތެރޭގައި 30 މިލިއަން ރުފިޔާ ކެއުމަށް ހަރަދު ކުރުމަކީ ބުއްދި ގަބޫލު ކުރާ ކަމެއް ނޫން ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން މުލިއާގޭގެ ބަޖެޓުގައި ވެސް ކެއުމަށް ހަމަޖައްސާފައި އޮންނަނީ 7 ލައްކަ ރުފިޔާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި 100 ދުވަހުގެ ތެރޭގައި 30 މިލިއަން ހޭދަވާނީ އެތައް ލައްކަ ރުފިޔާއެއް ދުވާލަކު ހަރަދުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަދި ރަޖިސްޓާ ނުކުރާ ނޫސްތަކުންނާއި ފޭސްބުކް ޕޭޖްތަކުން މިހާރު ބޭނުން ކުރާ ސްޓްރެޓަޖީއަކީ ހަދަހަދައިގެން އެއްވެސް ވަރަކަށް ތެދެއް ނެތް ދޮގު ވާހަކަ ދެއްކުން ކަމަށެވެ. އެހެން އެކަން ކުރަނީ ސަރުކާރުގެ ކަންކަން ސާފުކޮށް ފެންނަން އޮތުމާއެކު ދައްކާނެ ވާހަކައެއް ނެތުމުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.