20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރަމަޟާން މަހުގެ ފަހުން ބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީ އާ ހިލާފަށް މެންބަރުންގެ އަމިއްލަ މަސްލަހަތު ކުރިއަރުވައި ހުށަހެޅުއްވި އިސްލާހެއް ކަމަށް ވިދާޅުވެ އެ ގާނޫނަށް އިސްލާހު ހުށަހެޅި ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ މެންބަރުންގެ އަރިހުން އެދިވަޑައިގަތް ނަމަވެސް، އެ ބިލު އޮތް ގޮތަށް ފާސްކުރަން އެމްޑީޕީގެ މެންބަރުން ހުށަހަޅައިފިއެވެ.

މި މަހުގެ 11 ވަނަ ދުވަހު ފާސްކޮށް، 12 ވަނަ ދުވަހު ތަސްދީގުކުރުމަށް ރައީސަށް ފޮނުވި ބިލު އަނބުރާ މަޖިލީހަށް ރައްދުކުރެއްވި ސަބަބުތައް ކަމުގައި ރައީސް ވިދާޅުވީ:

  • މިހާރު ބިލު އޮތްގޮތުން ވޯޓުދޭ މީހުންގެ ލިސްޓް އާންމުކުރާ އިރު، ހުރިހާ އައިޑީކާޑު ނަންބަރު އާންމުވުމަކީ ޒާތީ ބޮޑު މައުލޫމާތެއް އާންމުވުން ކަމަށް ވުން
  • ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ގައުމުގެ މަސްލަހަތާ އެއްގޮތަށް އަމަލުކުރަން ބަޔާންކޮށްފައިވީ ނަމަވެސް، މި ހާލަތުގައި އިންތިހާބު އޮންނަ ތާރީހު ބަދަލުކުރަން ބޭނުންވަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިހާބުގައި ވާދަކުރާތީ އަމިއްލަ މަސްލަހަތު އިސްކޮށްފައި ކަމަށް ވުން
  • އިންތިހާބާ ބެހޭ ގާނޫނާ މިގޮތަށް ކުޅެ އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރުމަކީ އިންތިހާބާ މެދު އޮތް އިތުބާރު ގެއްލޭނެ ކަމަކަށް ވުން
  • އީސީން ކަނޑަޅާ "ފޯކަލް ޕޮއިންޓު"ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީއިރު، އެ ފޯކަލް ޕޮއިންޓު އައްޔަނުކުރާ ގޮތެއް ބިލުގައި ބަޔާންވެފައި ނެތުން
  • ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ ށ. ގައި، މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން އާ މަޖިލީހުގެ އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ޖެހުން. ނަމަވެސް އިންތިހާބު އޮންނަ ތާރީހު ރޯދައިގެ ފަހަށް ބަދަލުކޮށްފި ނަމަ އިންތިހާބުގެ ހުރިހާ ކަންކަން އެ މުއްދަތުގެ ތެރޭ ނިންމާނުލެވުމުގެ ފުރުސަތު އޮތުން

ރައީސް ވިދާޅުވީ، މި ބިލު މަޖިލީހަށް އަނބުރާ ފޮނުވާލަން ނިންމެވީ ބަންޑާރަނައިބު އަހްމަދު އުޝާމްގެ ލަފާގެ މަތިން ކަމަށެވެ. އަދި މި ދެންނެވި މާއްދާތައް އިސްލާހުކޮށް އަލުން އެ ބިލު ފޮނުވުމާ މެދު މެންބަރުން ވިސްނާވަޑައިގަތުމަށް ރައީސްގެ ސިޓީފުޅުގައި އެދިވަޑައިގެންފައިވެއެވެ.

މަޖިލީހުގެ އަމީންއާންމު ރައީސްގެ ސިޓީފުޅު އިއްވަވައި ނިމުމުން، ރިޔާސަތުން ވަނީ މިކަމާ މެދު ބަހުސްކުރުމަށް ފުރުސަތު ހުޅުވާލައިފައެވެ. އެ ފުރުސަތުގައި ބިލު އޮތް ގޮތަށް އަލުން ފާސްކުރުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީ ހުށަހެޅުއްވުމުން، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވައިފައެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، އިންތިހާބުތައް ރަމަޟާން މަހާ ދިމާވާ ނަމަ، ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބުތައް ބާއްވަން ލާޒިމްކުރާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރީ ބޮޑު އަޣުލަބިއްޔަތަކުން ކަމަށާއި، ރައީސް އެ ބިލު ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލައިފިނަމަ ބޮޑު އަޣުލަބިއްޔަތަކުން ދެވަނަ ފަހަރަށް އެ ބިލު ފާސްކޮށް، ތަސްދީގުކުރުމަށް އަލުން ފޮނުވާލާނެ ކަމަށެވެ.