20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓުން ޕްރޮމޯޓްކުރުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި، ކެންޑިޑޭޓުންނަށް ގިފްޓް ޕެކް ހަދިޔާކުރީ ސިޔާސީ މަގްސަދެއް ހާސިލްކުރުމުގެ ނިޔަތެއްގައި ނޫން ކަމަށް، ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަދު ބުނެފިއެވެ.

މި މަހުގެ ފުރަތަމަ ދުވަހު މިފްކޯ އިން ވަނީ ސަރުކާރު ކޯލިޝަންގެ ފަރާތުން މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކުރި ބައެއް ކެންޑިޑޭޓުންތަކަކަށް މަރުހަބާ ކިޔައި މަސްދަޅު ހަދިޔާކޮށްފައެވެ. އެގޮތުން މިފްކޯގެ ރަސްމީ 'އެކްސް' އެކައުންޓުން ކެންޑިޑޭޓުންނަށް މަރުހަބާ ކިޔައި ފަހެއްކަ ޕޯސްޓުކުރުމަށް ފަހު އާންމުންގެ ފާޑުކިއުން އަމާޒުވުމާ ގުޅިގެން، ބައިގަޑިއިރު ތެރޭ ހުރިހާ ޕޯސްޓެއް ވަނީ ނަގައިފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ އަށް މިފްކޯގެ އިސް ބޭފުޅުން ހާޒިރުކޮށް ސުވާލުކުރުމުން އެ ކުންފުނީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީ ވިދާޅުވީ، 'ގިފްޓް ޕެކް' ހަދިޔާކުރުމަކީ މީގެ ކުރިން ވެސް މިފްކޯގެ އާންމު އުސޫލުގެ ތެރެއިން ހިނގަމުންދާ ކަމެއް ކަމަށާއި، އެގޮތުން އެ ކުންފުނީގެ އޮފީހަށް ޒިޔާރަތްކުރާ ދައުލަތުގެ އިސްވެރިންނަށާއި ބޭރު ކުންފުނިތަކުގެ އިސްވެރިންނަށް ހަދިޔާ ޕެކެއް އެރުވުމަކީ އެ ކުންފުނީގެ ސިޔާސަތުގައިވާ ކަމެއް ކަމަށެވެ.

މިގޮތަށް އިސްވެރިންނަށް ހަދިޔާ ޕެކް އަރުވަނީ ސިޔާސީ މަގްސަދެއް ހާސިލްކުރުމުގެ ނިޔަތެއްގައި ނޫން ކަމަށް މުއާޒް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:

  • ޕްރައިމަރީގެ ދުވަސްވަރު މިފްކޯގެ ސީއީއޯ އާ ބައްދަލުކުރުމަށް އެކި ފަހަރު މަތިން އެދިފައިވޭ
  • އޭގެ ތެރޭގައި ސަރުކާރު ކެންޑިޑޭޓުންގެ އިތުރުން މިނިވަން ކެންޑިޑޭޓުން ވެސް ހިމެނޭ
  • ވަގުތު ތަންދިން ގޮތުން ސީއީއޯ ކެންޑިޑޭޓުންނާ ބައްދަލުކުރެއްވި
  • މައިގަނޑު ގޮތެއްގައި ދެކެވުނީ މަސްވެރިކަމާ ގުޅުންހުރި ވާހަކަ

"އެއްގޮތަކަށް ވެސް ވަކި ކެންޑިޑޭޓަކު ޕްރޮމޯޓްކުރުމުގެ ނިޔަތުގަ ކުރެވިފަ ހުރި ކަމެއް ނޫން އެއީ،" މުއާޒް ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ އަހްމަދު ސަމާހު ޝަރީފް ވިދާޅުވީ، މިފްކޯގެ ރަސްމީ އެކައުންޓުން ޓްވީޓްކުރެވިފައި ވަނީ މަތިން އެއްވެސް ހުއްދައެއް ނުލިބި ކަމަށާއި، މިކަން ހިނގީ ބަލަން ޖެހޭ ވަރަށް ނުބެލި އޮތުމުން ކަމަށެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ނުހިނގާނެ ކަން ޔަގީންކުރުމަށްޓަކައި ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށެވެ.

"ދެން ވަރަށް ގިނަ ބޭފުޅުންގެ ފޯނު ކޯލްތައް އެރޭ އިރުއޮއްސުނު ގަޑީގަ އަޅުގަނޑަށް ލިބެމުންދާން ފެށީމަ އަޅުގަނޑު ޓްވިޓާ ހޭންޑަލް ބަލާލީވެސް، ވަގުތުން ގުޅާފަ ބުނެފިން ޑިލީޓްކުރަން، އެހެންވީމާ އަޅުގަނޑު ހަމަ އަންގައިގެން އެ އެއްޗެހި ޑިލީޓްކުރީ،" އެ ރޭ މިފްކޯ އިން ކުރި ޓްވީޓުތަކާއި އޭގެ ކުރިން ކުރި ޓްވީޓުތައް ވެސް މިހާރު ނަގާފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.

ސަމާހު ވިދާޅުވި ގޮތުގައި، މިފްކޯގެ ވަސީލަތްތައް ބޭނުންކޮށްގެން ވަކިވަކި ކެންޑިޑޭޓުން ޕްރޮމޯޓްކުރުމުގެ މަސައްކަތްކުރާކަށް އެ ކުންފުނިން ބޭނުމެއް ނޫނެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވާނެ އަޅުގަނޑުމެންގެ ޕްރޮޑަކްޓްސްތައް އިސްތިހާރުކޮށް އެ މާކެޓުކުރަން ވީހާ ވެސް ގިނަ ބަޔަކާ ހަމައަށް އެ އެއްޗެހި ގެނެސްދެވޭތޯ ބަލަން،"