ވައުދުވެފައިވާ ފަދައިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 105 މިލިއަން ޖަމާކޮށްދީފިކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ގއ. ކޫއްޑޫގައި މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެރަށަށް ވަޑައިގެން ވައުދުވެފައިވަނީ މި ހަފްތާގެ ހޯމައިގެ ކުރިން 100 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށެވެ. އަދި އަދި ބާކީ ފައިސާ އަންނަ މަހުގެ ފަހެއްގެ ކުރިން ޖަމާކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއަދު މިފްކޯއިން ޖަމާކުރި 35 މިލިއަން ރުފިޔާއާއެކު ސަރުކާރުން މަސްވެރިންނަށް ވައުދުވެފައިވާ ގޮތުގެ މަތިން މިދިޔަ ބުދަ ދުވަހާއި މިއަދު ހިމެނޭހެން ޖުމްލަ 105 މިލިއަން ޖަމާކޮށްދީފައި ވާއިރު، ފާއިތުވި ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން ޖުމްލަ 561 މިލިއަން ރުފިޔާ (ތެލަށާއި އައިހަށް ދެވިފައިވާ ފައިސާ ހިމަނައިގެން) ވަނީ ދޫކުރެވިފަކަމަށެވެ.

އަދި މިފްކޯއިން ވަނީ މަސްވެރިންނަށް ދޫކުރަމުންގެންދާ ފައިސާގެ ތެރެއިން 14 ޖަނަވަރީ 2024 ގެ ނިޔަލަށް ހުރި ބިލުތަކުގެ ފައިސާ މިއަދު ދައްކާ ނިންމާނެ ކަމަށްވެސް ބުނެފައެވެ.

މަސްވެރިންގެ އަތުން މަސްގަތުމަށްފަހު މިފްކޯއިން މަސްވެރިންނަށް 300 މިލިއަން ރުފިޔާ ދޭން އެބޯތެވެ. މި ފައިސާ ނުލިބުމުން ކޫއްޑުގެ އިތުރުން އްޑޫ ޕިޝަރީސް ކޮމްޕްލެކްސް (އޭއެފްސީ)ގައި ވެސް މަސްވެރިން ވަނީ އިހުތިޖާޖު ކޮށްފައެވެ. އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ފެށި އެ އިހުތިޖާޖުގައި އެ ސިޓީގެ ގިނަ އަދަދެއްގެ މަސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.

ރައީސް މުއިއްޒު ވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް އެ ފައިސާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.