އުތުރުގެ މަސްވެރިންނަށް ހާއްސަކޮށްގެން ހއ. އަތޮޅުގައި މިފްކޯ ކުންފުނީގެ މަސްކިރާ ބޯޓެއް މިއަދު ބާއްވައިގެން މަސް ގަތުމުގެ ކަންކަން ހަމަޖައްސަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ފިޝަރީޒް މިނިސްތްރީން މިހެން ބުނެފައިވާ އިރު، އާންމުކޮށް މަސްވެރިކަން ރަނގަޅު ދުވަސްވަރު މިފްކޯއިން މަސް ކިރުމުގެ ކަންކަން ވެސް ބޭނުންވާ ވަރަށް ކުރިއަށް ނުގެންދެވި މަސްވެރިން ބާނާ މަސްކޮޅު ނުކިރޭ އެތައް ފަހަރަކާ ކުރިމަތިލާން ޖެހެއެވެ. މަސް ކިރުމުގައި ހުރި ދަތިކަމަކީ ވެސް މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅީގެން ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެފައި ވަނީ، މި ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމޭ އިރު، މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލު ކުރައްވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުން މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓް ކުރާ ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ދައުލަތުގެ ކުންފުނި މިފްކޯ ރީ-ސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރަމުންދާކަން ޝިޔާމް ވަނީ ފާހަގަ ކުރައްވާފައެވެ. ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތުގެ އެންމެ ހަރަކާތްތެރި އަދި އެންމެ ގިނަ މަސް ގަނެ ބޭރުކުރާ ކުންފުނި ކަމަށްވާ މިފްކޯ ރީ-ސްޓްރަކްޗާ ވެގެންދާއިރު މުޅި ސިނާއަތުގެ މައްސަލަތައް ހައްލުވެގެންދާނެ ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިއަދާ ހަމައަށް 522 މިލިއަން ރުފިޔާ މަސްވެރިންނަށް ދެއްވާފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އެއީ މަސްވެރިންނަށް ދޫކޮށްފައިވާ ތެލާއި، މަސްވެރިންނަށް ކްރެޑިޓަށް ދޫކޮށްފައި ހުރި އައިސް ހިމެނޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އަދިވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހުރިކަން ފާހަގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މި މައްސަލަ އެއްކޮށް ހައްލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.