މިދިޔަ ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުން ގެއްލުނު ކަނޑުގެ ބައި ހޯދަން ގޮންޖެހުންތައް ބޮޑު ކަމަށް އެޓާނީ ޖެނަރަލްގެ އޮފީހުން ބުނެފިއެވެ.

އޭޖީއިން އެފަދައިން ބުނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް ޗާގޯސްއާ ފުށުއަރާކަމަށްބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި ރާއްޖޭގެ އީއީޒެޑްގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިން ނިންމާފައިވާ ނިންމުން ދިރާސާކޮށް، ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި އެ އޮފީހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅިގެންނެވެ.

އޭޖީއިން ބުނީ މި މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް އައްޔަނުކޮށްފައިވާ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި ލޯ އޮފް ދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރުގެ ލަފާ އެ އޮފީހަށް ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި މިހާތަނަށް ލިބިފައިވާ ގާނޫނީ ލަފާތަކުގެ މައްޗަށް ބިނާކޮށް އެ މަސައްކަތްކުރުމަށް ބަންޑާރަނައިބު އުފައްދަވާފައިވާ ވިލަރެސް ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓް ވެސް ލިބިފައިވާ ކަމަށެވެ. އަދި ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ ހަބީރެއްގެ ހައިސިއްޔަތުން ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރުގެ ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް އައްޔަނުކޮށްފައިވާ ހަބީރުން މިހާތަނަށް ދީފައިވާ ލަފާ އަދި ވިލަރެސް ކޮމިޓީއިން ތައްޔާރުކޮށްފައިވާ ރިޕޯޓްގެ އިތުރުން އެ މައްސަލައާ ގުޅޭ ލިޔެކިޔުންތަކުން ފާހަގަކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ އަންކްލޯސް މުއާހަދާގެ އާޓިކަލް 287 އާއި އެ މުއާހަދާގެ އެނެކްސް VII ގެ ދަށުން ރާއްޖެއާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑީލިމިޓްކޮށްދިނުމަށް އެދި ޖޫން 18، 2019 ވަނަ ދުވަހު މޮރިޝަސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅިކަމުގެ ނޯޓިސް ދިވެހި ސަރުކާރަށް ލިބުމާއެކު މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަށް ކަމަށް އޭޖީއިން ވަނީ ބުނެފައެވެ.

އޭޖީއިން ބުނީ އެ މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ނިމިދިޔަ ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ނެގެން ހުރި ގިނަ ދިފާއުތަކެއް އެ މައްސަލައިގެ ތެރެއިން ނަގާފައިނުވާކަމާއި އެ މައްސަލައިގައި ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލުކުރުމުގެ ސަބަބުން އެ މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމާ ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އޭޖޭއިން ބުނީ އެ މައްސަލައިގައި މިދިޔަ ސަރުކާރުން ނަގާފައިވާ ދިފާއުތަކުގެ ސަބަބުންނާއި އެ މައްސަލައިގައި އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމުގައިވީނަމަވެސް އެ މައްސަލައިގައި ގޮތެއް ކަނޑައެޅިއިރު ރިއާޔަތްކުރި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަކީ ބައިނަލްއަގްވާމީ ޤާނޫނުގެ ދަށުން އެއަށް އަމަލުކުރުން ލާޒިމުވާ ނިންމުމެއްކަމުގައި ނުވާ ކަމަށެވެ.

މިހާރުވެސް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއްކަމުގައި ނުވާތީއާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންގެ މައްޗަށާއި ޔޫއެން ޖެނެރަލް އެސެމްބްލީގެ ރެޒޮލޫޝަންގެ މައްޗަށް ބިނާކޮށް ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާކަމަށް ބަލައި އިޓްލޮސްގައި އެ މައްސަލަ ކުރިއަށް ގެންގޮސް ސިޔާދަތީ ބާރުގެ މިލްކުވެރިކަމާމެދު ހިލާފު އުފެދިފައިވާ ސަރަހައްދެއްގެ ކަނޑުގެ ބައެއް އެއީ މޮރިޝަސްއަށް ލިބިގެންވާ ތަނެއްކަމަށް އިޓްލޮސްއިން ނިންމި ނިންމުމަކީ ބައިނަލްއަޤްވާމީ ގާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމެއް ނޫން ކަމަށްވެސް އޭޖީ އިން ވަނީ ބުނެފައެވެ.

އޭޖީއިން ބުނީ އިޓްލޮސްއަށް ގާނޫނީ ގޮތުން ނިންމޭނެ ނިންމުމެއް ކަމާމެދު ގާނޫނީ ގޮތުން ސުވާލު އުފެދޭތީއާއި މި ސަބަބުތައް މިހެން ހުރުމުން އެ ނިންމުން އެއޮތްގޮތަށް ތަންފީޒުކުރުމުގައި ހުރަސްތަކެއް ހުރިކަމަށް ހަބީރުން ލަފާދީފައިވާ ކަމަށާއި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށްޓަކައި އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ކުރިއަށްގެންދިއުމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.