ކުވައިތު ފަންޑުން އެހީދިން ހަނިމާދޫ ހޮސްޕިޓަލް ނޭޅި އޮތީ އެ މަޝްރޫއު ލަސްވުމުން މިދިޔަ ސަރުކާރުގައި އެ ފަންޑު ގެންގޮސްފައިވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހދ. ހަނިމާދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ ރަށުގެ ސިއްހީ ނިޒާމަށް ވެފައިވާ ގޮތް ކައުންސިލުންވެސް މައުލޫމާތު ހިއްސާކުރެއްވި ކަމަށާއި އެކަން ބައްލަވާލައްވާފައިވާ ކަމަށެވެ. އަދި އިތުރު ރަށްތަކެއް ހިމެނޭ ގޮތަށް އެ ރަށުގެ ހޮސްޕިޓަލްގެ މަޝްރޫއު ވެސް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި އެ ރަށުގެ ހޮސްޕިޓަލް މަޝްރޫއަކީ 30 އެންދުގެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއަކީ ކުވައިތު ފަންޑުގެ ހިލޭ އެހީ ހަމަޖައްސައިދީފައިވާ މަޝްރޫއެއް ކަމަށާއި އެހެންނަމަވެސް މިދިޔަ ސަރުކާރުން އެ ފަންޑްގެ ބޭނުން ނުކޮށް އެ މަޝްރޫއުތައް ހިންގުން ލަސް ކުރަމުން ގޮސް އެންމެ ފަހުން އެ ގައުމުން އެ ފަންޑު މިދިޔަ ސަރުކާރުގައި ގެންގޮސްފައިވާ ކަމަށެވެ. އަދި ކޮންމެ އިންޓަނޭޝަނަލް އެފަދަ ފަންޑެއްގައިވެސް ފައިސާ ދިނުމުގެ އުސޫލުތަކެއް ހުންނާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެގޮތަށް އެކަން ވެފައިވަނީ އުސޫލުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ނުކޮށް ފަރުވާ ކުޑަކޮށްގެން ކަމަށެވެ.

އެ ފަންޑް ގެންދިއުމުން ހަނިމާދޫއާއި އެހެން ރަށްރަށުގެ މަޝްރޫއުތައްވެސް ގެއްލިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މީގައި ވެފައި އޮތް ގޮތަކީ މިދިޔަ ސަރުކާރުން މިކަމަށް ހަގީގަތުގައި އޮތީ ކުވައިތް ފަންޑުން ހިލޭ އެހީ ހަމަޖައްސަދީފައި --- އެހެންނަމަވެސް މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް، މި ޕްރޮޖެކްޓްތައް ހިންގުން ލަސް ކުރަމުން ކުރަމުން ގޮސް ކުވައިތް ފަންޑުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީ މިދިޔަ ސަރުކާރުން."
ރައީސް

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަނީ ރައީސް ވަނީ ސަރުކާރެއްގެ ކަންކަން ބޮއްސުންލައިގެން ދާނީ އެ ވަރަކަށް ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އެހެން ގޮތަކުށް އެކަން ކުރިއަށް ގެންދެވޭތޯ ބައްލަވައިދެއްވާނެ ކަމަށާއި އެ ރަށުގައި ހުންނަން ޖެހޭ ވަރުގެ ރަނގަޅު ހޮސްޕިޓަލެއް ހަދައިދެއްވާނެ ކަމަށެވެ. އަދި މިހާރުން މިހާރަށް ވެސް މިހާރު ހުރި އިމާރާތުގެ އަޕްގްރޭޑް ކުރުމުގެ ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެ ރަށުގެ ދެން މުހިއްމު އަނެއް ކަމަކީ ގެދޮރުވެރިކަންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ރަށުގައި ހައުސިން މަޝްރޫއުތައް ހިންގުމަކީ ރައްޔިތުން އެކަމުގައި ސުވާލެއްވެސް ކުރައްވަން ޖެހޭނެ ކަމެއް ނޫން ކަމަށާއި އެކަން އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި ސްކޫލަށް ބޭނުންވާ ކަންކަމާއި ކުޅިވަރުގެ ކަންކަންވެސް ބަޖެޓުގެ ތެރެއިންނާއި އިންވެސްޓަރުން އަދި ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް އެކަންކަން ކުރިއަށްގެންދެވޭނެ ގޮތް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ރަށުގެ ރައްޔިތުްނ އެދޭ ކަހަލަ ތަރައްގީއެއް އެ ރަށަށް ގެނެސްދެއްވާނެ ކަމަށެވެ.