އިހަވަންދިއްޕޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭ"އަކީ ރާއްޖޭގައި ފެށޭ އިގްތިސޯދީ އެންމެ ބޮޑު މަޝްރޫއު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގެ އުތުރުގެ 4 އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ "މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭ" މަޝްރޫއު ކުރިއަށް ގެންދާނީ 5 ކުންފުންޏެއް ހިމެނޭގޮތަށް އުފައްދާފައިވާ "މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން" ކުންފުނިިން ކަމަށެވެ. އަދި އިހަވަންދިއްޕޮޅު ސަރަހައްދުގައި ފަށާ މި މަޝްރޫއު ވެގެންދާނީ ރާއްޖޭގައި ފެށޭ އިގްތިސޯދީ އެންމެ ބޮޑު މަޝްރޫއަށް ކަމަށެވެ.

އޭ މަޝްރޫއުގެ ނަފާ ރައްޔިތުންނަށް ކުރާނެ ކަމަށާއި އެ މަޝްރޫއާއެކު އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެ މަޝްރޫއު ނިމި، ބިން ހިއްކައިގެން އިންވެސްޓްމެންޓްތައް ގެނެވޭނެ ކަމަށާއި އެކި ކަހަލަ މަޝްރޫއުތައް ކުދި އަދި މެދު ފަންތީގެ ކުންފުނިޔަކަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަޝްރޫއިން ފައިދާ ވާނީ ހަމައެކަނި ހއ. އަތޮޅުގެ ރައްޔިތުންނަށް ނޫން ކަމަށެވެ. އެ މަޝްރޫއިން މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ފައިދާވާނެ ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ފަށުމަށްފަހު، ހުއްޓިފައި ވަނީ އެ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެކި ރަށްރަށަށް ވަޑައިގެންނެވިއިރު ވެސް އެ މަންޒަރު ފެނިވަޑައިގެންނެވި ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.