ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އެ ކޮމިޝަނުން ބުނީ ސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބައެއް މީހުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ނާޖާއިޒު ގޮތުގައި މަންފާ ހޯދާފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލް އެ ކޮމިޝަނުން ހިއްސާ ކޮށްފައި ނުވެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި އޭސީސީން ތަހުގީގު ކުރަމުންދަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ދެ ބޭފުޅަކާއި މަޖިލިސް 11 މެންބަރަކާ ގުޅޭ 120 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެވެ.

އޭސީސީން ވަނީ މީގެ ކުރިންވެސް އެކި މުއައްސަސާ އާއި ކުންފުނިތަކުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާފައެވެ.