55 އަހަރުން ރިޓަޔާ ކުރާ މީހުންނަށް އެލަވަންސެއް ދިނުމަށްޓަކައި ގާނޫނީ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ގއ.ގެމަނަފުށީ ސްކޫލް ޓީޗަރެއް ކަމުގައިވާ، މުހައްމަދު ނާފިޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނާފިޒް ސުވާލުގައި ވަނީ ސިވިލް ސާވެންޓުން 55 އަހަރު ވުމުން މިހާރު އެއްވެސް އެލަވަންސް ނުދޭ ކަމަށާއި އެކަމަކީ ހިތާހުރި ކަމެއް ކަމަށެވެ. އަދި ޕެންޝަންގެ ކަންތައްތައް ރަނގަޅު ގޮތަކަށް ހަމަޖެހުމަކީ އުންމީދެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ 55 އަހަރު ވެގެން 65 އަހަރާ ދޭތެރޭގައި ރިޓަޔާމަންޓަށް ދާ ސިވިލް ސާވަންޓުންނަށް އެލަވަންސެއް ތައާރަފް ކުރުމަކީ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް ރައީސް އޮފީހުން މިހާރު ފަށައިފި ކަމަށާއި ގާނޫނީ ޓީމުން އެޓާނީ ޖެނަރަލްއާ ގުޅިގެން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ގާނޫނުގެ ތެރެއިން މިކަމަށް މަގުފަހިކުރަން ޖެހޭ ކަމަށާއި އެހެންކަމުން މަޖިލީހަށް ފޮނުވަންޖެހޭ އިސްލާހުތަކެއް ވެސް ހުރުމާއެކު ގާނޫނީ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މިކަމުގައި ރައްޔިތުން މަޖިލީހުގެ ދައުރު ބޭނުންވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމަށް ހައްލު ލިބިގެންދާނެ ކަމަށާއި އެހެންނަމަވެސް ރައްޔިތުން މަޖިލީހުގެ ތެރެއިން ފާސްކުރަން ޖެހޭ އިސްލާހުތަކެއް ހުންނާނެ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރައްވައިގެން އެކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގދ. ތިނަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުމުރުން 55 އަހަރުވުމުން އަމިއްލައަށް ރިޓަޔާ ކުރުމުގެ ފުރުސަތު އޮތް ނަމަވެސް ޕެންޝަން ލިބެނީ 65 އަހަރު ވުމުން ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައި ނުގަންނަވާތީ 55 އަހަރުވުމުން ރިޓަޔާ ކުރާ މީހުންނަށް ވެސް ގޮތެއް އޮންނަން ޖެހޭނެ ކަމަށެވެ.

ރައީސް އޭރު ވިދާޅުވީ 55 އަހަރާއި 65 އަހަރާއި ދެމެދުގެ އުމުރުފުރައިގައި ތިބި މީހުންގެ ތެރެއިން 55 އަހަރުގައި ރިޓަޔާކުރަން ބޭނުންވާ ފަރާތްތަކަށް 65 އަހަރާއި ހަމައަށް ދަންދެން ނިޒާމުގެ ތެރެއިން އެލަވަންސެއް ކަނޑައަޅައި ތައާރަފްކޮށް އެލަވަންސެއް ދެއްވާނެ ކަމަށެވެ.