އަބަދާއި އަބަދު ދެކެވޭ ވާހަކައެއްގެ ގޮތުގައި އުންމީދުތައް ކުލަ ނުޖެހި އޮންނަ އޮތުން ނިމުމަކަށް ގެނެސްދީ ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކަންދިމާކުރި ގޮތުން ވިލިނގިޔަށް ވަޑައިގަނެވުނީ ވަރަށް ވިއްސާރަ ވަގުތެއްގައި ކަމަށާއި އެހެންނަމަވެސް އެ ރަށުގެ ރައްޔިތުން އެ ވިއްސާރާގައި ނިކުމެ ވަޑައިގެން ވަރަށް މަރުހަބާ ދެންނެވި ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވިލިނގިލީގެ ރައްޔިތުން ދެއްވި އިތުބާރު ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ދެއްވަން އޮތް ޔަގީންކަމަކީ ވިލިނގިލި ރައްޔިތުން ދެއްވި އިތުބާރުގެ މަތީގައި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ. އެގޮތުގެ މަތިން އެންމެ ފުރަތަމަ ކަމަކަށް ވިލިނގިލީގެ ރައްޔިތުންގެ އެންމެ ގިނަ ދުވަސްވީ، އެންމެ އުންމީދު ކުރަމުން އައި އެންމެ މުހިއްމު މަޝްރޫއުގެ ވައުދުފުޅު އެމަނިކުފާނު ވެވަޑައިގެންނެވި ކަމަށާއި އެ މަޝްރޫއުގައި މިއަދު ސޮއިކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު އެ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެ މަޝްރޫއު އެއްކޮން ކުރިއަށް ގޮސް ނިމޭއިރުގައި އެ ރަށުގެ ބިމަށް އިތުރުކުރާ ޖާގައިގެ އިތުރުން ރަށުގެ ތަރައްގީއަށާއި ގޯތި ގެދޮރު ބިނާކުރުމާއި މިކަން ކަމަށް އިތުރު ކުރެވޭ ބިމުގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއް ހެދިގެން ދިއުމާއި ޓޫރިޒަމްގެ ބޮޑު އިންޓަގްރޭޓަޑް މަޝްރޫއެއް ހިންގަން ވަނީ ކަނޑައެޅިފައި ކަމަށާއި އެކަން ވެގެން ދިޔައުމުން ރައްޔިތުންނަށް އިގްތިސޯދީ ގޮތުން އަބަދުވެސް އުންމީދު ކުރަމުން އައި ދުވަސް ހާސިލްވެގެންދާނެ ކަމަށެވެ. އަދި އެކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނިކުމެ ހުންނެވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އިހްލާސްތެރިކަމާއެކު ކަމަށާއި އެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާއެކީގައި ރާއްޖޭގެ ކަންކަން ރަނގަޅު ކުރަމުން ރައްޔިތުން އެދޭ އަމާޒަށް ރައްޔިތުންގެ ކަންކަން ގެންގޮސްދިނުމަށް ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރުމުގައި ހުންނެވި ކަމަށެވެ.
ވިލިނގިލީގެ ތަރައްގީއަށްޓަކައި ކުރަން ހުރި މުހިއްމު ގިނަ ކަންކަން ހުރި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެގޮތުގެ މަތިން ކުރިއަށްދާނެ ކަމަށާއި އެއާޕޯޓް މަޝްރޫއު އެ ފެށިގެން ދަނީ ކަމަށާއި ބަނދަރުގެ މަޝްރޫއު ނިންމުމާ އަތޮޅު ހޮސްޕިޓަލްގެ މަޝްރޫއު ފެށުން ފަދަ މަޝްރޫއުތައް ހުރި ކަމަށެވެ. އަދި ޖުމްލަކޮށް އެ ހުރިހާ މަސައްކަތްތަކާއި ތަރައްގީގެ ހުރިހާ މަސައްކަތްތައްވެސް މި ދައުރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 20 އަހަރުގެ މާސްޓާ ޕްލޭނެއް ރައްޔިތުންގެ ހިޔާލު ހޯދައިގެން އެކި ސަރަހައްދުތަކުން އާބްން ސެންޓަރުތަކެއް ކަނޑައަޅައިގެން ތަރައްގީކުރައްވާނެ ކަމަށާއި އެގޮތުން އެ ސަރަހައްދުގެ އާބަން ސެންޓަރު ގާއިމުކުރާ ރަށަަަށް ވިލިނގިލި ވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކެމްޕެއިންގައި ވެވަޑައިގެން ހުރިހާ ވައުދެއް ހާސިލްކޮށްދެއްވާނެ ކަމަށާއި އެ ވައުދުފުޅޫތަކުގެ މަތިން ހަނދުމަފުޅު ނައްތައެއް ނުލައްވާނެ ކަމަށެވެ.
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ހުރި ޑޮލަރު ކޮޅު މިދިޔަ ސަރުކާރުގައި ބޭނުންކޮށްފައިވާ ކަމަށާއި އަނެއްކާ އެ ފަންޑަށް ޑޮލަރު ޖަމާކުރަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ފަންޑަކީ ގާނޫނެއް ލިބިގެން ހިމާޔަތް ލިބޭނެ ފަންޑަކަށް ހެދުމަށް މި ސަރުކާރުގެ ފުރަތަމަ ބިލެއްގެ ގޮތުގައި އެ ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ބިލް މިހާރު އޮތް މަޖިލީހުން ގާނޫނަކަށް ހަދައިދީފިނަމް ވަރަށް ރަނގަޅު ކަމަށާޢި ގާނޫނަކަށް ހަދައިނުދީފިނަމަ ދެން އަންނަ މަޖިލީހަށް ހޮވޭ ބޭފުޅުން އެކަން ކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މަޖިލީހަށް ރައްޔިތުން ހޮވައިދޭނީ މިދިޔަ 3 މަހުގެ ތަޖުރިބާއިން އެމަނިކުފާނު ރައްޔިތުންނަށްޓަކައި ކުރަން ވައުދުވެވަޑައިގަންނަވާފައި ހުރި ރައްޔިތުންނަށް ހަވާކުކުރި ޒިންމާ އަދާކޮށްދެވޭނެ ވަރުގެ މަޖިލީހެއް ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.