މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން އަންނަ ހޯމަ ދުވަހުގެ ކުރިން ދޭނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ އަތުން މަސްގަތުމަށްފަހު މިފްކޯއިން މަސްވެރިންނަށް 300 މިލިއަން ރުފިޔާ ދޭން އެބޯތެވެ. މި ފައިސާ މަސްވެރިންނަށް ނުލިބި ގިނަދުވަސް ވުމުން ގއ. ކޫއްޑޫގައި މީގެ ތިން ދުވަސް ކުރިން ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ. މި އިހުތިޖާޖުގެ ބައިވެރިންނާ ބައްދަލު ކުރުމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ އާދީއްތަ ދުވަހު އެ ރަށަށްވެސް ވަޑައިގެންފައެވެ.

މި އިހުތިޖާޖާ ގުޅިގެން ސަރުކާރުން ވަނީ މަސްވެރިންނަށް ނުދެވި އޮތް ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން އޮޑިވެރިންނަށް ދޭނެކަމަށާއި އަދި ބާކީ ފައިސާ އަންނަ މަހުގެ ފަހެއްގެ ކުރިން ޖަމާކޮށްދޭނެ ކަމަށް ބުނެފައެވެ.

ފިޝަރީޒް މިނިސްޓަރު ޝިޔާމް ވަނީ މިއަދާ މާދަމާ 70 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށާއި ބާކީ 30 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހު ދީ ނިންމާނެކަމަށް ވިދާޅުވެފައެވެ. އަދި ފުރަތަމަ ދޭ 70 މިލިއަން އޮޑިވެރިންނަށް ޑިސްޕާސް ކުރުމުގެ ކަންކަން މިހާރު ފަށާފައިވާ ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މީގެިއިތުރުން ސަރުކާރުގެ މަސްވެރި ކުންފުނި، މިފްކޯއިން ނެރުނު ބަޔާނެއްގައިވެސް ބުނެފައިވަނީ ގއ. ކޫއްޑޫގައި މަސްވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގައި މަސްވެރިންނާ ހިއްސާކޮށްފައިވާ، ފައިސާ ދޫކުރާނެ ގޮތުގެ ތާވަލާއި އޭގެ ތަފުސީލުގައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން ފައިސާ ދޫކުރަމުންދާނެ ކަމަށެވެ.

މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުދޭ ކަމަށް ބުނެ އައްޑޫ ޕިޝަރީސް ކޮމްޕްލެކްސް (އޭއެފްސީ)ގައި ވެސް މަސްވެރިން ވަނީ އިހުތިޖާޖު ކޮށްފައެވެ. އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ފެށި އެ އިހުތިޖާޖުގައި އެ ސިޓީގެ ގިނަ އަދަދެއްގެ މަސްވެރިން ވަނީ ބައިވެރިވެފައެވެ. މިކަމާ ގުޅިގެން ރައީސް މުއިއްޒު ވަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހަމަޖައްސާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.