ރާޅާއެޅުމަށް ފަތުރުވެރިން ބޭނުންކުރާ ކަނދު އުފުލުމަށް މޯލްޑިވިއަން އިން ނަގާ ފީ ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ގދ. ގައްދޫ، ފެހިވިނަ، އަހްމަދު ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރާޅާއެޅުމަށް ފަތުރުވެރީން ބޭނުންކުރާ ކަނދު، މޯލްޑިވިއަންގެ މަތިންދާބޯޓުތަކުން އުފުލުމަށް ނަގާ ފީ ބޮޑުކަން ފާހަގަކޮށް އަހްމަދު ރަޝީދު ބުނީ ދެކޮޅި ޓިކެޓު އަދި އެ ފީ އާއެކު ފަތުރުވެރިއެއްގެ އަތުން 800 އެއްހާ ޑޮލަރު ހޭދަވެގެންދާ ކަަމަށެވެ. އަދި އެކަމަށް އެއްވެސް ހައްލެއް ހޯދާދޭނެތޯ އޭނާ ރައީސްގެ އަރިހުން ސުވާލު ކުރައްވާފައި ވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސާފިންގެ ދާއިރާގައި އުޅޭ ފަރާތްތަކަށް އެ މައްސަލައަކީ ބޮޑު މައްސަލައެއްކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެގޮތުން ގައްދޫއަކީވެސް ސާފިންގެ ރޮނގުން ފާހަގަކޮށްލެވޭ ރަށެއް ކަމަށެވެ. އެހެންކަމުން އަހްމަދު ރަޝީދު އެދިލެއްވި ގޮތުގެ މަތިން ކަމާ ގުޅުން ހުރި އިދާރާތްތަކާ މަޝްވަރާ ކުރެއްވުމަށްފަހު އަގުތަކަށް ރަނގަޅު ބަދަލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. "އަގު ކުޑަ ކޮށްދޭނަން، ވީހާވެސް ބޮޑަކަށް." ރައީސް ވިދާޅުވިއެވެ.

މޯލްޑިވިއަން އެއާލައިން އިން ސާފް ބޯޑު އެއް ރަށުން އަނެއް ރަށަށް އުފުލާ ދެނީ ޑޭޝް 8 މަރުކާގެ ބޯޓުގައި ބަގޭޖް ކޮމްޕާޓްމެންޓުގައި ޖާގަ އޮންނަ މިންވަރަކުންނެވެ. އަދި ސާފް ބޯޑަކީ 7 ފޫޓަށް ވުރެ ދިގު ނުވާ އަދި ރަނގަޅަށް ޕެކްކޮށްފައިވާ ސާފް ބޯޑަކަށް ވާންޖެހެއެވެ.