ފަލަސްތީނު ސަރުކާރުގެ އެދުމުގެ މަތިން، އެ ގައުމުގެ ހައްގުގައި އައިސީޖޭގައި އަންނަ ހޯމަ ދުވަހު އަނގަބަހުން ބަޔާނެއް ދޭން ރާއްޖޭން ތައްޔާރުވަމުންދާ ކަމަށް، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހާމަކުރައްވައިފިއެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުތައް ހުއްޓާލުމަށް ގޮވާލައި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން، ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރެއްވުމުން މިނިސްޓަރު ދެއްވި ބަޔާނުގައި ވިދާޅުވީ، ފަލަސްތީނު ރައްޔިތުންގެ ހާލާ މެދު ދިވެހިން ކަންބޮޑުވާ ކަމަށާއި، ފަލަސްތީނު ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު ދިވެހީންނަށް އިވެމުންދާ ކަމަށެވެ.
ޒަމީރު ވިދާޅުވީ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި އަހައްމިއްޔަތުކަމެއް ދޭ އެއް މައްސަލައަކީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގެ މައްސަލަ ކަމަށާއި، އެގޮތުން ފަލަސްތީނަށް މިނިވަންކަން ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި، އެ ގަތުލުއާންމު ވަގުތުން ވަގުތަށް ހުއްޓާލުމަށް ރާއްޖޭން ބައިނަލްއަގުވާމީ މަސްރަހުގައި ހަރުއަޑުން ގޮވާލަމުންދާ ކަމަށެވެ.
މި މަސައްކަތުގެ ތެރޭގައި އިޒްރޭލުން ލާއިންސާނީ އަމަލުތަކާއި ޖަރީމާތައް ހިންގާފައިވޭތޯ ބަލައި ތަހްގީގުކުރުމަށް ދުނިޔޭގެ ކޯޓުގައި ވަކާލާތުކުރުމާއި، އިޒްރޭލުން ހިންގާ ޖަރީމާތަކަކީ އިންސާނީ ޝަރަފާއި ކަރާމާތް ނަގާލުމަށް ހިންގާ ޖަރީމާތައް ކަމަށްވާތީ އެ ކުށްތަކަށް ބައިނަލްއަގުވާމީ ގާނޫނުތަކުގައި ބަޔާންކުރާ އެންމެ ހަރުކަށި އަދަބު ދިނުމަށް ވަކާލާތުކުރުން ވެސް ހިމެނޭ ކަން ޒަމީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭން ތާއީދުކުރަނީ 'ޓޫ ސްޓޭޓް ސޮލިއުޝަނަކަށް' ކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވި ގޮތުގައި، ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ ބޯޑަރުތަކާ އެއްގޮތަށް މިނިވަން މުސްތަގިއްލު ދައުލަތެއް ގޮތުގައި، އަދި އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި އޮތުމެވެ.
ދެކުނު އެފްރިކާ އިން ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ޒަމީރު ވިދާޅުވީ:
- އެ މައްސަލައަށް ރާއްޖޭން ތަދައްހުލުވެފައިވާ ކަމަށް
- އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އަމަލުކުރަމުންދާ ގޮތުން އުފެދޭ ގާނޫނީ ސުވާލުތަކާ ގުޅިގެން އދ. އިން އައިސީޖޭގެ އިޝްތިސާރީ ލަފައަކަށް އެދިފައިވާ މައްސަލައިގަވެސް ރާއްޖޭން ހަރަކާތްތެރިވަމުންދާ ކަމަށް
- އެގޮތުން ފަލަސްތީނުގެ ސަރުކާރުގެ އެދުމުގެ މަތިން މިދިޔަ ޖުލައި މަހުގެ 25 ގައި އައިސީޖޭ އަށް ލިޔުމުން ބަޔާނެއް ހުށަހަޅައި، އަންނަ ހޯމަ ދުވަހު އަނގަބަހުން ޖަވާބު ދިނުމަށް ތާވަލުކުރެވިފައިވާތީ އެކަމަށް ދަނީ ތައްޔާރުވަމުން ކަމަށް
ދިވެހި ސަރުކާރުން އަބަދު ވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ސާބިތުވެ ކަމަށް، ޒަމީރު ވިދާޅުވިއެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކުގައި 29 ހާހަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 12 ހާހަށް ވުރެ ގިނަ ކުޑަކުދިންނާއި 7 ހާހަށް ވުރެ ގިނަ އަންހެނުން ހިމެނޭކަމަށް ޒަމީރު ކޮމިޓީ އަށް ހާޒިރުވެވަޑައިގެން ދެންނެވި ތަފާސްހިސާބުތަކުގައިވެއެވެ.