ގދ. ގައްދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން ކައުންސިލްގެ ރައީސްއާއި ނައިބު ރައީސްގެ އެއްބާރުލުން ލިބިވަޑައިނުގަތުމުން އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް އެފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގައްދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިއަދާ ހަމައަށް ވަރަށް ގިނަ ކައުންސިލްތަކާ ބައްދަލުކުރެވިއްޖެ ކަމަށާއި އެހެންނަމަވެސް ގައްދޫ ކައުންސިލްގެ އެއްބާރުލުން ވަރަށް ކުޑަ ކަމަށެވެ. އެކަމާ ހިތާމަފުޅުކުރައްވާ ކަމަށާއި މިއަދުގެ އެޖެންޑާގައި ކައުންސިލްގެ ރައީސް ވާހަކަދެއްކެވުމަށް ހިމަނާފައިވާ ކަމަށާއި އެޖެންޑާ ފައިނަލް ކުރަނީ ކައުންސިލާ ވާހަކަދައްކައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރަައީސް ވިދާޅުވީ އެމްޑީޕީއަކީ މިއަދާ ހަމައަށް އައިއިރުގައި ސިޔާސީ ގޮތުން މުޅިން ހިޔާލު ތަފާތު ޕާޓީއެއް ކަމަށާއި އެހެންނަމަވެސް ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުން ވެސް ވަރަށް ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރޭގައި އެންމެ ފަހުން ތިނަދޫ ސިޓީގެ މޭޔަރާއި އޭގެ ކުރިން ފުވައްމުލަކު ސިޓީގެ މޭޔަރާއި އައްޑޫ ސިޓީގެ މޭޔަރުވެސް އެފަދައިން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލް ބައްދަލުވުންތަކުގައިވެސް އެހެން ރަށްރަށުން ވެސް އެމްޑީޕީގެ ކައުންސިލްތަކުގެ ރައީސްއިން ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

"މިއަދާ ހަމައަށް އައިއިރުގައި އަޅުގަނޑުމެންނާ ސިޔާސީ ގޮތުން މުޅިން ހިޔާލު ތަފާތު ޕާޓީ، އެމްޑީޕީގެ ކައުންސިލްތަކުގެ ރައީސްއިން މޭޔަރުން ފެނިވަޑައިގަންނަވާނެ ހުރިހާ ރަށްރަށެއްގައި ވަރަށް ފުރިހަމައަށް ބައިވެރިވެވަޑައިގެންނެވި. ރޭގައި އެންމެ ފަހުން ތިނަދޫ ސިޓީގެ މޭޔަރު ކުރިން ފުވައްމުލަކު ސިޓީގެ މޭޔަރު، އޭގެ ކުރިން އައްޑޫ ސިޓީގެ މޭޔަރު. އަދި އެހެން ރަށްރަށުގެ ވެސް އެމްޑީޕީގެ ކައުންސިލްތަކުގެ ރައީސް އިން ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާ މީޓިންތަކުގައިވެސް ބައިވެރިވޭ"
ރައީސް

ރައީސް ވިދާޅުވީ ކައުންސިލް ރައީސްއިން ރަށަށް ބޭނުންވާ ކަންކަމުގެ ވާހަކަތައް ދައްކަވާ ކަމަށާއި އެއީ އެކަންކަން ވާން ޖެހޭނެ ގޮތް ކަމަށެވެ. އިންތިހާބުގެ ތެރޭގައި ސިޔާސީ ގޮތުން ވާދަވެރިކަމެއް އޮތް ނަމަވެސް އިންތިހާބު ކާމިޔާބު ކުރުމަށްފަހު ހަވާލުވަނީ އިންތިހާބުގައި ވޯޓު ދިން މީހުންނާއި ވޯޓު ނުދޭ މީހުންނަށް ހިދުމަތްކުރުމުގެ ޒިންމާއާ ކަމަށެވެ. އަދި އެ މީހަކު ނިސްބަތްވާ ޕާޓީއަކަށް ބެލުމެއް ނެތި ހަމަހަމަ ކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރުމުގެ ޒިންމާއާ ހުވާކޮށްގެން ކައުންސިލަރުންވެސް ހަވާލުވެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ހުވާކުރި ނަމަވެސް އެ ރަށުން ފެންނަ މަންޒަރާ ދޭތެރޭގައި ހިތާމަފުޅު ކުރައްވާ ކަމަށާއި އެއީ ލާމަރުކަޒީ ނިޒާމެއް ހިންގަން ޖެހޭ އުސޫލެއް ނޫން ކަމަށެވެ. އަދި ރައްޔިތުން އިންތިހާބެއްގައި މީހަކު ހޮވާއިރުގައި އެ ހަވާލުކުރާ ޒިންމާ އަދާކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ހަމަހަމަކަން އިސްކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ފިކުރާ ވިސްނުމަކީ ދޭތެރެ މެދުން ހުރަހަކަށް ވާން ޖެހޭ ކަމަކަށް ހައްދަވައިގެން ނުވާނެ ކަމަށާއި މިއަދުގެ ޖަލްސާގައި ކައުންސިލް ތަމްސީލެއް ނުކުރި ކަމަށާއި ފަހު ވަގުތު ހާޒިރުވަޑައިނުގަންނަވާ ކަމަށެވެ. އަދި ކައުންސިލްގެ ނައިބު ރައީސްވެސް ހާޒިރުވެވަޑައިނުގަންނަވާ ކަމަށާއި ސިޔާސީ ވިސްނުން އެއް ފަރާތްކޮށް، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ރައްޔިތުން އިސްކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް އެމަނިކުފާނު ވަޑައިގަންނަވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ހިދުމަތްކުރުމަށް ކަމަށާއި ރައްޔިތުންނާ ސަރުކާރާ ދޭތެރޭ މެދުގައި ލާމަރުކަޒީ ނިޒާމު އޮންނަނީ ކައުންސިލްގައި ކަމަށެވެ. އަދި ރައީސް ވިދާޅުވީ ކައުންސިލްތަކުން ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތްކުރުމުގައި އެކަތި ގަނޑަކަށްވެގެން ކުރިއަށްދާތަން ފެނިގެންދާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެކަން ފެންނާނެ ކަމަށެވެ.

އަނެއްކާވެސް ރައްޔިތުންގެ އަތް މައްޗަށް ކަރުދާސް ކޮޅެއް އަންނަ އިންތިހާބެއް ކުރިއަށްވެސް އެބައޮތް ކަމަށާއި މި ފަދަ އިންތިހާބުތަކަކީ މިކަހަލަ ކަންކަމުން ތަޖުރިބާ ހޯދާ ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާނެ މީހުން މަޖިލީހަށް، ކައުންސިލަށް އަދި ސަރުކާރެއް ހިންގަން ވިޔަސް ހޮވަން ޖެހޭ އިންތިހާބުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ގައްދޫ ކައުންސިލްގައި 7 މެންބަރުން ތިއްބެވިއިރު މެޖޯރިޓީއަކީ ޕީޕީއެމްއެވެ. އެގޮތުން ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލްގެ ރައީސް އެ މަގާމަށް އިންތިހާބުވެވަޑައިގެން ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭނާ ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ. އަދި އެ ރަށުގެ ކައުންސިލްގެ ނައިބު ރައީސް ތާއީދު ކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.