ގާޒާއަށް ހުއްޓުމެއް ނެތި މިހާރު ދެމުން ގެންދާ ހަމަލާތަކަކީ ހަމާސް އިން ރަހީނު ކުރި އިޒްރޭލުގެ މީހުން މިނިވަން ކުރުމާއެކު ހަމާސްގެ ދުވަސް ދުއްވާލުން ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބުނެފައި ވީ ނަމަވެސް ރަހީނުން މިނިވަން ކުރުމަކީ އެޖެންޑާއެއް ނޫން ކަމަށް ފިނޭންސް މިނިސްތަރު ބުނެފިއެވެ.

އިޒްރޭލު ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޯރިޒް ބުނީ، އޭނާ އެހެން ބުނެގެން ކިތަންމެ ވަރަކަށް ފާޑުކިޔަސް ހެޔޮ ކަމަށާއި ހަގީގަތަކީ އެއީ ކަމަަށެވެ. އޭނާ އެ ވާހަކަ ހާމަކޮށް އެކްސްގައި ލިޔެފައި ވަނީ، "ކޮންމެ ހާލަކާ ލައިގެން ނަމަވެސް ހަމާސް ބަލިކޮށް ކާމިޔާބު ހޯދާނެ ކަމަށާއި ރަހީނުން މިނިވަން ކުރެވޭނީ އޭގެ ފަހުން" ކަމަށެވެ.

އަދި ރަހީނުން މިނިވަން ކުރުމަކީ މިވަގުތު އިޒްރޭލުގެ އެންމެ މުހިންމު މަގުސަދު ނޫން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު އާންމު ޓީވީތަކުގައި ވާހަކަ ދައްކާ އިރު އިސްކަންދޭ ކަމަކީ ރަހީނުން މިނިވަން ކުރުން ކަމަށް ބުނެއެވެ. އަދި އެ މަގަށް މަސައްކަތް ކުރާ ކަމަށާއި ހަމާސް ނައްތާލާނެ ކަމަށް ވެސް ބުނެއެވެ.

އިޒްރޭލު ހުއްޓުވުމުގައި އެމެރިކާ އާ ހެދި ބައިނަލްއަގުވާމީ މުޖުތަމައު ނުކުޅެދިފައި ވާ އިރު، އެމެރިކާއިން ގެންދަނީ އިޒްރޭލަށް ބޭނުންވާ ހަތިޔާރާއި މަދަދު ފޯރުކޮށްދީ އެ ހަތިޔާރު ބޭނުން ކޮށްގެން ގާޒާގެ މުސްލިމުން ޝަހީދު ކުރަމުންނެވެ.

މިއަދާ ހަމައަށް އައިއިރު ޝަހީދުވި މީހުންގެ އަދަދު 30،000 އަށް އަރާފައި ވާ އިރު ޒަހަމްވި މީހުންގެ އަދަދު ވަނީ 70،000 އަށް އަރާފައެވެ. އަދި ނުފެންނަ ނުވަތަ ވީނުވީއެއް ނޭނގޭ 12،000 ހާސް މީހުން ވެއްޖެ ކަމަށް ހަބަރުތައް ބުނާ އިރު، މަގުމަތިވެ ވަންނާނެ ހިޔާވައްސެއް ނެތި 1 މިލިއަނެއްހާ އަންހެނުންނާއި ކުޑަކުދިން ތިބި ކަމަށް ހަބަރުތައް ބުނެއެވެ.

އިޒްރޭލުން ގާޒާއަށް މިހާތަނަށް 70،000 ޓަނުގެ ގޮވާތަކެތި އަޅާފައި ވާ އިރު، މިއީ އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާއަށް ވައްޓާލި އެޓޮމިކް ބޮމުގެ 7 ގުނަ މަތީ އަދެކެވެ. މުޅި ގާޒާ ފުނޑުފުނޑު ވެފައި ވާ އިރު މިވަގުތު ހަމައެކަނި ހިޔާވައްސަކަށް އޮތް ރަފާ އަށް އަރައިގަތުމަށް އިޒްރޭލުން ދަނީ ތައްޔާރުވަމުންނެވެ. އަދި އެ ކަމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށް ދާއިރު، އިޒްރޭލުން އިންޒާރު ކޮށް ބުނެފައި ވަނީ މާޗް 10 އަށް ރަހީނުން މިނިވަން ކުރަން ޖެހޭނެ ކަމަށެވެ.

މުރާސިލުން ބުނާގޮތުގައި، މާޗް 10 އެއް އެ ދިނީ، ރޯދަ ފެށުމުގެ ކުރިން ހަމާސް އިން ރަހީނުން މިނިވަން ނުކޮށްފިނަމަ ރޯދަ އާ އެކު ރަފާއަށް އަރާ ގަތުލުއާންމެއް ހިންގުމަށެވެ. އެއީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް އަރަބި ދުނިޔޭގެ ބައެއް ގައުމުތަކާއި އިޒްރޭލަށް ވާގިދޭ ހުޅަނގުގެ ބައެއް ގައުމުތަކުންވެސް ބުނެފައި ވެއެވެ.

މިހާރުވެސް ގާޒާގެ ރައްޔިތުން ބަނޑަށް ޖައްސާފައި ވާ އިރު، ރޯދަ މަހާއެކު އެފަދަ އޮޕަރޭޝަނެއް ފަށައިފިނަމަ އެތައްހާސް ބަޔެއްގެ ފުރާނަ ގެއްލި މުޅި މަޝްރަހު ބަދަލުވެގެން ދާނެ ކަމަށް ވެސް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.