އެސްޓީއޯއަށް އިންޑިއާއިން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން އެހެން ބުނެފައިވަނީ އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރަން ހުއްދަ ދިން ގައުމުތަކުގެ ލިސްޓުގައި ރާއްޖޭގެ ނަން ނެތް ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން އެސްޓީއޯއިން ބުނީ ކުރިއެކޭވެސް އެއްފަދައިން އެސްޓީއޯއިން ސްޓޭބަލް ސަޕްލައިއެއްގައި ފިޔާ ފޯރުކޮށްދެމުންދާނެ ކަމަށާއި ފާއިތުވި ދެ މަހުގެ މާކެޓް ޓްރެންޑަށް ބަލާކަމުގައިވާނަމަ ރާއްޖޭގެ މާކެޓްގައި ފިޔާގެ އަގު އަންނަނީ ތިރިވަމުން ކަމަށެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހު އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯއިން ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައިވާއިރު އެގައުމުން ފިޔާ އެކްސްޕޯޓްކުރުން ދެން ފަށާނެ ކަމަށް ނިންމާފައިވަނީ އަންނަ މަހެވެ. އަދި އަވަށްޓެރި ގައުމުތަކަށް ހާއްސަ ހުއްދައެއްގެ ދަށުން ފިޔާ އެކްސްޕޯޓް ކުރާނެ ކަމަށް އެ ގައުމުން ބުނެއެވެ. ނަމަވެސް އެ ގައުމުން ހާއްސަ ހުއްދައިގެ ދަށުން ފިޔާ އެކްސްޕޯޓް ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ މިފަހަރު ނުހިމަނައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ އެއް ގައުމު ކަމަށްވާ އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެ ކުރުން ހުއްޓާލުމާއެކު ރާއްޖޭގެ މާކެޓުގައި ފިޔާގެ އަގު ވަނީ އުފުލުނު ނަމަވެސް އެކަމަށް އެސްޓީއޯއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.