’އޮންކޮލޮޖީ ނާސަސް އެކްސެލެންސް‘ގެ ނަމުގައި ލޯންޗު ކުރި ޕްރޮގްރާމުގެ ސަބަބުން އޮންކޮލޮޖީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ދިވެހިރާއްޖޭގައި ތިބި ނަރުހުން ތައްޔާރު ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓްރަޒެނެކާ އަދި އެސްޓީއޯ އިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ’އޮންކޮލޮޖީ ނާސަސް އެކްސެލެންސް‘ ނަމުގައި ލޯންޗުކުރި ޕްރޮގްރާމް ފަށާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގައެވެ. މިއަދާ ހަމައަށް އައި އިރު މި ޕްރޮގްރާމްގެ ދެ ސެޝަނެއް ވަނީ ބާއްވާފައެވެ.
އެސްޓީއޯ އިން ބުނީ، ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އޮންކޮލޮޖީ ނަރުހުންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އޮންކޮލޮޖީ ނަރުހުން އަދާކުރާ މުހިއްމު ރޯލު ފާހަގަކޮށް، އެކި އިދާރާތަކުގެ އެއްބާރުލުމާއެކު އޮންކޮލޮޖީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ދިވެހިރާއްޖެ ތައްޔާރު ކުރުވުން ކަމަށެވެ. މި ޕްރޮގްރާމް ވަނީ ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާދޭ ހުރިހާ މައިގަނޑު ހޮސްޕިޓަލުތަކެއްގެ ނަރުހުންނަށް އަމާޒުކޮއްގެން ކުރިއަށް ގެންގޮސްފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.
މި ޕްރޮގްރާމް އެކުލެވިގެން ވަނީ މައިގަނޑު 4 ސެޝަނެއްގެ މައްޗަށެވެ. މިހާތަނަށް ނިމިފައިވާ ދެ ސެޝަނުގެ ތެރެއިން، އެންމެ ފުރަތަމަ ބޭއްވި ސެޝަންގައި 55 ނަރުހުން ބައިވެރިވެފައިވެއެވެ. ދެވަނައަށް ބޭއްވި ސެޝަންގައި މީގެ ކުރީ ސެޝަންގެ ބައިވެރިންގެ އިތުރަށް 4 ނަރުހުންނާއެކު، ޖުމްލަ 59 ނަރުހުން ވަނީ ބައިވެރި ވެފައެވެ.
ކެންސާ ސޮސައިޓީން ބުނާ ގޮތުގައި، އޮންކޮލޮޖީ ނަރުހުންނަކީ ބަލި މީހާ އާއި އެމީހާއަށް ދޭ ފަރުވާއާ ދެމެދު އޮތް ގުޅުމެއް ކަމަށާއި ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، ބަލިމީހުންނަށް ނަފްސާނީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދޭ ބައެއް ކަމަށެވެ. މި ޕްރޮގްރާމަކީ މި ފަރާތްތަކުގެ މުހިއްމުކަން ވަޒަން ކޮށް އޮންކޮލޮޖީ ނަރުހުން ތަރައްގީ ކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ހާއްސަ ޕްރޮގްރާމެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އެސްޓީއޯގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކޮށް، މި ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރުމެވެ. މި ޕްރޮގްރާމް ފަށާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.