މިދިޔަ އަހަރު ލިބުނު ފައިދާއިން މި އަހަރު ވެސް އެސްޓީއޯއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
މިރޭ ބާސެލޯ ނަސަންދުރަ މާލެ ހޮޓެލްގައި ބޭއްވި އެ ކުންފުނީގެ އާންމު ޖަލްސާގައި އެސްޓީއޯއިން ވަނީ އެ ކުންފުނީގެ ކޮންމެ ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކުރުމުގެ އިތުރުން، ކުރިޔަށް އޮތް އަހަރަށް ވެސް މުހައްމަދު އަހްސަން ސަލީމް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަން އިންތިހާބުކޮށްފައެވެ.
މިދިޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެކަމަކު އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ ދަށްވުމެކެވެ.
ސަބަބެއް ކަމަށް އެސްޓީއޯއިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާ އެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވާތީ ކަމަށެވެ.
އާމްދަނީ ދަށްވުމާ އެކު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާކަން ފާހަގަކޮށް އެސްޓީއޯ އިން ބުނީ އެއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 12 ޕަސެންޓުގެ ދަށްވުމެއް ކަމަށެވެ. އެސްޓީއޯއިން އިތުރަށް ފާހަގަކުރި ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 218 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީގެ އިތުރުން އެސްޓީއޯ އިން ވަނީ ޓެކުހަށް ކެނޑުމަށް ފަހު މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 717 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކޮށްފައެވެ.