ގދ. ފަރެސްމާތޮޑާގައި ކުރަން ހުރި ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިހާރު ދެކުނުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކެމްޕެއިންގައި އެރަށަށް ނުދެވުނު ނަމަވެސް ވަރަށް އިންތިހާބުގެ ދެ ބުރުގައި ދެއްވި އިތުބާރާއި ކުރެއްވި ތާއީދަށްޓަކައި ވަރަށް އުފާފުޅު ކުރައްވާ ކަމަށެވެ. އަދި އެ ރަށަކީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ނިސްބަވްވެވަޑައިގަންނަވާ ރަށް ކަން ފާހަގަކުރައްވާ އެކަަށްޓަކައި ފަހުރުވެރިވާ ކަމަށާއި އެ ދަތުރުފުޅުގައި ބައިވެރިނުވެވުނީ މަސައްކަތް ހުރި ގޮތުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ރަށުގެ ތަރައްގީއަށްޓަކައި ކުރަން ހުރި ވަރަށް ގިނަ ކަންތައްތައް ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ކަމަށާއި އެންމެ މުހިއްމު ކަންކަމުގެ ތެރޭގައި މައިގަނޑު ދެތިން ކަމެއް ކައުންސިލުން ފާހަގަކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި ހާއްސަ ގޮތެއްގައި ބަނދަރުގެ މަސައްކަތް ހިމެނޭއިރު ބަނދަރަށް ވަރަށް ބޮޑަށް ޖާގަ އިތުރުކުރަންވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމަށްޓަކައި ބަޖެޓުގައިވެސް ކޮންމެވެސް ވަރަކަށް ފައިސާ ހިމެނިފައިވާ ކަމަށާއި މިނިސްޓްރީގެ ފަރާތުން ވަރަށް އަވަހަށް އެކަމާ ގުޅޭ މަސައްކަތްތައް ކުރުމަށް އެ ރަށަށް ދާނެ ކަމަށާއި ރައްޔިތުންގެ މަޝްވަރާގެ މަތިން ބަނދަރުގެ މަޝްރޫއު ޑިޒައިން ކުރާނެ ކަަމަށެވެ. އަދި ކުރާއިރު ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތަށް ސްލިޕްވޭއެއްވެސް ހިމެނޭ ގޮތަށް އެ ބަނދަރު ހަދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބިން އިތުރުކުރުމަކީ މިހާރު ކުރަން ޖެހިފައި އޮތް ކަމެއް އެކަމަށްވެސް ބަޖެޓުގައި ކޮންމެވެސް ވަރަކަށް ފައިސާ ހިމެނިފައި ހުރި ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ބިން ހިއްކުމުގެ މަޝްރޫއެއްވެސް އެ ރަށުގައި ތާވަލްކޮށްގެން ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ. އަދި ގެދޮރުވެރިކަމަކީ އެންމެ މުހިއްމު ސިޔާސަތު ކަމަށާއި އެ ވައުދުވެފައި ވާނީ މި ފަސް އަހަރުގެ ދައުރު ނިމޭއިރުގައި ރާއްޖޭގައި ގެދޮރުގެ މައްސަލަ ހައްލު ނުވާ އެއްވެސް ރައްޔިތަކު ނުހުންނާނެ އަމާޒަށް ވާސިލުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ ރަށެއްގެ ވެސް މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ވައުދުފުޅުގެ ދަށުން އެ ރަށުގައިވެސް ވެސް އެކަން ކުރިއަށް ގެންދާނެ ކަމަށާއި އެކަމަށްޓަކައި ބަޖެޓުން ޖާގަ ހޯދައިގެން އަދި އެހެނިހެން ފައިނޭންސިން ފެސިލިޓީތައްވެސް ފަހި ކުރެވޭތޯ ބަލަމުން އެ މަސައްކަތްވެސް ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރަނގަޅު ފެންވަރުގެ ރީތި މިސްކިތަކާއި ސިއްހީ ނިޒާމަށް ބޭނުންވާ އެކި ކަހަލަ ހާއްސަ ޑޮކަޓަރުން ހޯދައިދިނުމާއި ދަނޑުގެ މަސައްކަތް ނިންމުމާއި ސްކޫލް ބޮޑުކުރުން އެ ރަށަށް ބޭނުންވާ ކަމަށެވެ. އަދި އެކަންކަމަށް ރަނގަޅު ހައްލު ގެނެސްދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.