އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބްގެ މެންބަރުކަމުގެ ދައުރު ހަމަވާތީ އެ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރުމަށް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާގެ ނަން ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ހަބީބްގެ މެންބަރުކަމުގެ ދައުރު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ފޮނުއްވައިފައެވެ.

އޭގެ ތެރެއިން އެއް ބޭފުޅަކީ ކޮމިޝަނުގެ އެސްޖީގެ މަގާމު 2021 އިން ފެށިގެން ފުރުއްވަމުން ގެންދަވާ ހަސަން ޒަކަރިއްޔާއެވެ.

ރައީސްގެ ސިޓީފުޅުގައި ވަނީ ނަންތައް ދިރާސާކުރުމަށް ފަހު މަޖިލީހަށް ފެންނަ ގޮތަކަށް ރުހުންދިނުމަށް އެދިވަޑައިގެންފައެވެ.

ރިޔާސަތުން ވަނީ ރައީސްގެ ސިޓީފުޅުގައިވާ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ދެވަނަ ދައުރު ފުރިހަމަކުރައްވާ ހަބީބުގެ މެންބަރުކަން ހަމަވާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގައެވެ.